ޑރ. މަޖީދުގެ ޖަނާޒާ މާދަމާ ލަންކާގައި ބާއްވަން ނިންމައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ސްރީ ލަންކާގައި ބޭއްވުމަށް އާއިލާ އިން ނިންމައިފި އެވެ.


އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަވަހާރަވީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް، މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ޑރ. ބާރީގެ ހާލު ސީރިއަސްވުމުން ތިން އޮޕަރޭޝަނެއް ކުރިއިރު، އެންމެ ފަހުން އޭނާ ބާއްވާފައި އޮތީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ.

ޑރ. މަޖީދުގެ އާއިލާ އިން ބުނި ގޮތުގައި ޖަނާޒާ އޮންނާނީ ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގަ އެވެ. އަދި މޫނު ދެއްކުން މާދަމާ ހެނދުނު 10:00 އިން ފެށިގެން މިސްކިތުގައި އޮންނާނެ ކަމަށް އާއިލާ އިން ބުންޏެވެ.

ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޑރ. މަޖީދުގެ އާއިލާ އިން އެދެ އެވެ.

ޑރ. މަޖީދު އަވަހާރަވިއިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މަޖީދަކީ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ.

ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ދީނަށް ދިވެހިން ހޭލުންތެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ.

ޑރ. މަޖީދު އަވަހަރާވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.