ނޭޕްލްސް (މޭ 24) – މައުރީޒިއޯ ސާރީގެ ބަދަލުގައި ކުރިއަށް އޮތް ތިން އަހަރު އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދޭން ކާލޯ އަންޗެލޮޓީ އެއްބަސްވެއްޖެ އެވެ.

އަންޗެލޮޓީ ބުނީ އަމާޒަކީ 28 އަހަރަށް ފަހު ނަޕޯލީ އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުން ކަމަށެވެ. އަދި މި ޗެލެންޖާ އެކު އާދަޔާހިލާފު އުފަލެއް ލިބިފައިވާ ކަމަށާއި ފުޓްބޯޅައިގައި އާ ޗެޕްޓަރެއް ފެށުމަށް ތައްޔާރު ކަމަށް ވެސް ބުންޏެވެ.

ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1987 އަދި 1990 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން އެ ޓީމަށް އެކަން ތަކުރާރުކުރެވިފައެއް ނުވެ އެވެ. އެކަމަކު ސާރީއާ އެކު ނިމުނު ސީޒަނުގައި ވަރަށް ގާތަށް ދިޔަ އެވެ. ސާރީއާ އެކު ނަޕޯލީން ޒަމާނީ ފުޓްބޯޅައެއް ކުޅެ ކާމިޔާބީއާ ނުހަނު ގާތުގައި އޮތް ނަމަވެސް، ސީޒަނުގެ ފަހުކޮޅު އެ ކްލަބުގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސްއާ ހިޔާލުތަފާތުންތަކެއް އުފެދުނެވެ. ފަހުން މަޝްވަރާތަކެއް ކުރި ނަމަވެސް ސާރީ ވަނީ އިއްޔެ މަގާމް ދޫކޮށްލައިފަ އެވެ. ބެލެވެނީ އެ ދެ ފަރާތުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށެވެ. ޑި ލޯރެންޓިސް ވަނީ ސާރީ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ބެލެވޭ ގޮތުގައި، ކުރިން ބޭންކެއްގައި ވަޒީފާ އަދާކުރި ސާރީ ދެން ހަވާލުވާނީ ޕްރިމިއާ ލީގުގެ ޗެލްސީއާ އެވެ. އަނެއްކޮޅުން މިއީ 2009 ވަނަ އަހަރު އިޓާލިއަން ލީގު ދޫކޮށް ޗެލްސީ އަށް ކޯޗުކޮށްދޭން ފެށި ފަހުން އަންޗެލޮޓީ އެ ލީގުގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. އަންޗެލޮޓީ އަށް ނަޕޯލީން 7.6 މިލިއަން ޑޮލަރުގެ މުސާރައެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ބުނީ ނަޕޯލީގެ ވަޒީފާ އިހުތިޔާރުކުރީ ޔޫރަޕާއި އޭޝިއާ އިން އައި އޮފާތަކަކާއި އިޓަލީ ގައުމީ ޓީމުގެ ފުރުސަތު ވެސް ދޫކޮށްލާފައި ކަމަށެވެ.

ނަޕޯލީ އަށް އަންޗެލޮޓީ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ބަޔާން މިއުނިކުގެ އަރޫޓޯ ވިޑާލާއި އޭސީ މިލާނުގެ ސޫސޯ އަދި ނީސްގެ މާރިއޯ ބަލޮޓެލީ ހިމެނޭ ކަމަށް ނޫސްތަކުން ބުނެ އެވެ. މީގެ އިތުރުން ޕީއެސްޖީގެ އެންހެލް ޑި މަރިއާ ވެސް އެ ކްލަބުން ފެނިދާނެ ކަމަށްވެ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އޭސީ މިލާނާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ 1995 ވަނަ އަހަރެވެ. ބޮޑު ކްލަބަކާ އެންމެ ފުރަތަމަ ހަވާލުވީ 1999 ވަނަ އަހަރު ޔުވެންޓަސްއާ އެވެ. އޭގެ ފަހުން އޭނާގެ ކޯޗިންގެ ކާމިޔާބު ކެރިއަރަށް ދިރުން ލިބުނީ 2001 ވަނަ އަހަރު މިލާނާ ހަވާލުވި ހިސާބުންނެވެ. އެ ކްލަބަށް އޭނާ 2004 ވަނަ އިޓާލިއަން ލީގު ކާމިޔާބުކޮށްދީ 2003 އާއި 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނެވެ.

މިލާން ދޫކޮށް 2009 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެ ޓީމަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދިނެވެ. އެއަށް ފަހު ޕީއެސްޖީ އަށް ކޯޗުކޮށްދީ 2013 ވަނަ އަހަރު ފްރެންޗް ލީގު ކާމިޔާބުކޮށްދިނެވެ. އޭނާ ދެން ބަދަލުވީ ރެއާލް މެޑްރިޑަށެވެ. އެ ކްލަބާ އެކު ލީގު ނުހޯދުނަސް 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހާސިލްކުރި އެވެ. އެންމެ ފަހުން ހުރީ ބަޔާން މިއުނިކުގަ އެވެ. ނަތީޖާތަށް ދަށްވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު މަގާމުން ވަކި ކުރި ނަމަވެސް އެ ޓީމަށް ވެސް ޖަރުމަން ލީގު ކާމިޔާބުކޮށްދީފައިވެ އެވެ.