ލިވަޕޫލް (މެއި 29) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކޮނޑަށް ލިބުނު އަނިޔާ އަށް އިތުރު ފަރުވާ ހޯދުމަށް ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ސްޕެއިނަށް ދާނެ ކަމަށް މިސްރުގެ އެފްއޭ އިން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި ސަލާހު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އެ މެޗު ކުރިއަށް ނުގެންދެވޭނެތީ ބަދަލުކުރި އެވެ. އަނިޔާގެ ސަބަބުން ސަލާހަށް އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ވޯލްޑް ކަޕަށް އޭނާ ފިޓްވާނެ ކަމަށް ސަލާހުގެ އިތުރުން މިސްރުގެ އެފްއޭ އިން ވަނީ ބުނެފަ އެވެ.

އުމުރުން 25 އަހަރުގެ ސަލާހުގެ ފަރުވާގެ ކަންތައްތައް ބަލަހައްޓަނީ ލިވަޕޫލް މެޑިކަލް ސްޓާފުންގެ އިތުރުން މިސްރު ޓީމުގެ މެޑިކަލް ޓީމުންނެވެ. ސަލާހުގެ ރިހެބިލިޓޭޝަންގެ ކަންތައްތައް ސްޕެއިންގައި ކުރިއަށްގެންދަން ނިންމީ އެ ކަހަލަ އަނިޔާތަކަށް އެންމެ އަަވަހަށް ފަރުވާ ހޯދުމުގައި ގިނަ ޓީމުތަކުން ލަފާ ހޯދަނީ ސްޕެއިނުގެ ސްޕެޝަލިސްޓުންގެ ފަރާތުން ކަމަށްވާތީ އެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި 44 ގޯލު ޖެހި ސަލާހު އަކީ މިސްރު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އޭނާ ނެތި ވޯލްޑް ކަޕްގައި ކުޅެން ޖެހިއްޖެނަމަ އެ ޓީމަށް ބޮޑު އުނިކަމެއް އަންނާނެ ކަމަށް ބެލެވޭއިރު، ވޯލްޑް ކަޕް ފެށެން ވަގުތު އޮއްވައި އޭނާ ފިޓްވާނެ ކަމަށް މިސްރުގެ އެފްއޭ އިން ވަނީ ބުނެފަ އެވެ.

މިސްރު އޮތީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ސައުދީ އެރެބިއާ އަދި އުރުގުއާއީއާ އެކު ގްރޫޕް އޭގަ އެވެ. މިސްރު ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު ކުޅޭނީ އެ ގްރޫޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް އުރުގުއާއީއާ ދެކޮޅަށެވެ.