ގާހިރާ، މިސްރު (ނޮވެމްބަރު 23) - ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ކްލަބްގައި ހުރެ ކާމިޔާބެއް ނުލިބިއްޖެނަމަ އެ ޓީމު ދޫކޮށްލަން ލަފާދޭނެ ކަމަށް މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލަށް ބަދަލުވުމަށް ފަހު ފުރަތަމަ ސީޒަނުގައި ސަލާހު ވަނީ އެ ޓީމަށް 44 ގޯލު ޖަހައިދީ ގިނަ އެވޯޑްތަކެއް ހޯދައިފަ އެވެ. އަދި ގިނަ ރެކޯޑްތަކެއް މުގުރާލި އެވެ. އެކަމަކު ލިވަޕޫލާ އެކު މުބާރާތެއް ކާމިޔާބު ނުކުރެވުނެވެ.

ސަލާހުގެ މޮޅު ކުޅުމާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި އެވެ. އެކަމަކު ފައިނަލުގައި ސަލާހުގެ ކޮނޑުހުޅަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނުއިރު، ލިވަޕޫލް ވަނީ 3-1 އިން ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ.

މިދިޔަ އޮގަސްޓް މަހު އަގީރޭ މިސްރު ޓީމާ ހަވާލުވުމަށް ފަހު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ދާދި ފަހުން އަގީރޭ ވަނީ ސަލާހަކީ މިސްރަށް ލިބުނު ޖަވާހިރެއް ކަމަށް ބުނެފަ އެވެ. މި ސީޒަނުގައި ސަލާހަށް އޭނާގެ ކުރީގެ ފޯމުގައި ނުކުޅެވޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

އަގީރޭ ބުނީ ސަލާހު ފަދަ ކުޅުންތެރިއަކަށް އެންމެ މުހިއްމު ކަމަކީ ކާމިޔާބީ ހާސިލްކުރެވޭ ޓީމެއްގައި ހުރުން ކަމަށެވެ.

"ކުރިއަށް އޮތް ދެ ސީޒަނު ތެރޭގައި ލިވަޕޫލްގައި ހުރެ ސަލާހަށް ތައްޓެއް ނުލިބިއްޖިއްޔާ އޭނާ އެ ކްލަބް ދޫކޮށްލަފާނެ. އަހަރެންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ،" ކުރިން މެކްސިކޯ އާއި ޖަޕާން ގައުމީ ޓީމަށް ކޯޗުކޮށްދިން އަގީރޭ ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލަށް ވެސް އެކަން މިހާރު އެނގޭނެ ކަމަށެވެ.

"ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް އަށް ވެސް އެކަން އެނގޭނެ ކަންނޭނގެ. އެހެންވެ އެ ޓީމުން ވެސް މިހާރު ޓީމުގެ ތަރިން ބަހައްޓަން ކާމިޔާބީ ހޯދަން މަސައްކަތްކުރަމުން އަންނަނީ،" އަގީރޭ ބުންޏެވެ.

ސަލާހު ވަނީ މި އަހަރުގެ ޖުލައި މަހު ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އަދި ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސަލާހު ވަނީ އިންޑިވިޖުއަލް ޓްރޮފީ އަށް ވުރެ ބޮޑަށް މިހާރު ވިސްނަނީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.