ގާހިރާ، މިސްރު (ސެޕްޓެމްބަރު 28) - ފީފާގެ ބެސްޓް އެވޯޑްސްގައި މިސްރުގެ ކޯޗާއި ކެޕްޓަންގެ ވޯޓް އެ ޓީމުގެ ތަރި މުހައްމަދު ސަލާހަށް ދިންއިރު، އޮންނަ އުސޫލުގެ ތެރެއިން ކަންތައްތައް ކޮށްފައިނުވާތީ ސަލާހާއި މިސްރު އެފްއޭއާ ދެމެދު މައްސަލަ ގޯސްވެއްޖެ އެވެ.
މީގެ ކުރިން ވެސް ސަލާހާއި މިސްރުގެ އެފްއޭއާ ދެމެދު އެކި ކަހަލަ މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. މި ފަހަރު މައްސަލަ ޖެހުނީ މި ފަހަރުގެ ފީފާ ބެސްޓް އެވޯޑްސްގައި މިސްރުގެ ކޯޗު ޝައުކީ ގާރިބާއި ކެޕްޓަން އަހުމަދު އެލް މުހައްމަދީ އެ ޓީމުގެ ސަލާހަށް ދިން ވޯޓު އޭނާ އަށް ނުދޭން ފީފާއިން ނިންމުމުންނެވެ. ފީފާއިން މި ގޮތަށް ނިންމީ ވޯޓު ދޭން ބޭނުންކުރާ ކަރުދާހުގައި ކެޕިޓަލް އަކުރުތައް ބޭނުންކޮށްގެން ސޮއި ކޮށްފައިވުމުގެ އިތުރުން މިސްރުގެ އެފްއޭގެ ޖެނެރަލް ސެކްރެޓަރީ ފޯމުގައި ސޮއިކޮށްފައިނުވާތީ އެވެ.
ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބަލިކޮށް ބާސެލޯނާގެ ލިއޮނަލް މެސީ މި ފަހަރުގެ ފީފާ އެވޯޑް ގެންދިޔައިރު، ސޫދާނުގެ ކޯޗު ޒްޑްރަވްކޯ ލުގަރިސިޗް މީޑިއާ އަށް ބުނީ އޭނާގެ ވޯޓު ފީފާއިން އާންމުކުރިއިރު އޮތީ ބަދަލުކޮށްފައިކަމަށާއި ސަލާހަށް ދިން ވޯޓެއް އޮތީ މެސީ އަށް ބަދަލުވެފައި ކަމަށެވެ. އެކަމަކު ގިނަ ތަޖުރިބާކާރުން ބުނީ ސޫދާނުގެ ކޯޗު ސަލާހަށް ވޯޓް ދިން ކަން ދައްކަން އާންމުކޮށްފައިވާ ކަރުދާސް ވަނީ އެޑިޓްކޮށްފައި ކަމަށެވެ.
ފީފާ އިން ވަނީ ބެސްޓް އެވޯޑްސްގައި މިސްރުގެ ވޯޓުގެ މައްސަލަ އުޅޭކަން ފާހަގަކުރެވި އެކަން އެ ގައުމުގެ އެފްއޭ އަށް މިދިޔަ މަހު 19 ވަނަ ދުވަހު ދެ ފަހަރެއްގެ މަތިން އެންގި ކަމަށާއި އެކަމަކު އެ ދުވަސް ކޮޅަކީ މިސްރު އެފްއޭގެ މަގާމުތަކަށް ބަދަލުތަކެއް ގެނެވުނު ދުވަސްތަކެއް ކަމަށްވާތީ ހެދިފައިވާ ގޯސް ރަނގަޅު ނުކުރެވުނު ކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި ސަލާހުގެ ހިތްހަމަނުޖެހުން މިސްރުގެ އެފްއޭ އަށް އަމާޒުވެ އޭނާ ވަނީ ރަސްމީ ޓްވިޓާއިން މިސްރުގެ ނަން އުނިކޮށްފަ އެވެ. މީގެ ކުރިން ވެސް ސަލާހާއި މިސްރުގެ އެފްއޭއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނެވެ. އެގޮތުން ސިޔާސީ ބޭނުންތަކަށް މިސްރުގެ އެފްއޭ މެދުވެރިކޮށް ސަލާހުގެ ނަން ބޭނުންކުރާތީ އޭނާ ވަނީ އެ ގޮތަށް އެކަން ތަކުރާރުކޮށް ކުރާނަމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް މިސްރު އެފްއޭ އަށް އަންގައިފަ އެވެ. އަދި މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ އިޝްތިހާރުތަކުގައި ސަލާހުގެ އިމޭޖް ރައިޓްސް ކުންފުންޏަށް އެންގުމެއްނެތި އޭނާގެ ފޮޓޯ އެކި ކަންކަމުގައި ބޭނުންކުރުމުން ވެސް ސަލާހާއި މިސްރު އެފްއޭއާ މެދު މައްސަލަ ގޯސްވި އެވެ.