ލަންޑަން (ޑިސެމްބަރު 15) - ބީބީސީން ހޮވާ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ލިވަޕޫލާއި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފި އެވެ.
ސަލާހަކީ ޖެހިޖެހިގެން ދެ އަހަރު މި އެވޯޑް ހާސިލްކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޖެހިޖެހިގެން ދެ ފަހަރަށް މި އެވޯޑް ހޯދީ ނައިޖީރިއާގެ މިޑްފީލްޑަރު ޖޭ ޖޭ އޮކާޗާ އެވެ. ސަލާހުގެ ކުރިން މި އެވޯޑް ލިބުނު މިސްރުގެ ދެ ކުޅުންތެރިންނަކީ މުހައްމަދު ބަރަކާތާއި މުހައްމަދު އަބޫތުރިކާ އެވެ.
ސަލާހާ މި ފަހަރުގެ އެވޯޑަށް ވާދަކުރީ ލިވަޕޫލާއި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި ނަޕޯލީ އަށް ކުޅޭ ސެނެގޯލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ އާއި ޔުވެންޓަސް އަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު މެހެދީ ބެނަޝިއާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ގާނާގެ ތޯމަސް ޕާޓޭ އެވެ.
"ވަރަށް އުފާވެއްޖެ އަނެއްކާވެސް މި އެވޯޑް ލިބުނީމަ. އަހަރެން ބޭނުން އަންނަ އަހަރު ވެސް މި އެވޯޑް ހޯދަން،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.
އުމުރުން 26 އަހަރުގެ ސަލާހު ވަނީ 27 އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި ވޯލްޑް ކަޕްގައި އެ ޓީމަށް ދެ ގޯލު ވެސް ޖަހައިދިނެވެ.
މިިދިޔަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވެ ގިނަ ރެކޯޑްތަކެއް މުގުރާލައި ސަލާހު ވަނީ ސީޒަނުގައި 44 ގޯލު ޖަހައިފަ އެވެ. މި ފަހަރުގެ ސީޒަނުގެ ކުރީކޮޅުގައި ސަލާހަށް އޭނާގެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް ފަހަކަށް އައިސް ސަލާހު އަންނަނީ ކުރީގެ ފޯމުގައި ތަފާތު ދައްކަމުންނެވެ. އޭނާ ވަނީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް 13 ލަނޑު ޖަހައިފަ އެވެ.
ސަލާހު ބުނީ މި ފަހަރުގެ އެންމެ ބޮޑު ޓާގެޓަކީ ކްލަބާ އެކު ކޮންމެ ވެސް ކާމިޔާބެއް ހޯދުން ކަމަށެވެ.
"ކްލަބާ އެކު ކޮންމެވެސް ކާމިޔާބެއް ހޯދުމަކީ ވަރަށް ބޮޑު އަމާޒެއް. އެއީ ކްލަބްގައި ހުރެގެން އިންޑިވިޖުއަލީ އަހަންނަށް ގިނަ އެވޯޑްތަކެއް ލިބިއްޖެ. އަހަރެން ބޭނުން މީގެ ބަދަލު ކްލަބްގެ އެންމެނަށް ދޭން،" ސަލާހު ބުންޏެވެ.
ބީބީސީގެ މި ފަހަރުގެ މި އެވޯޑަށް 650،000 ވޯޓު ލިބިފައިވެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ވޯޓު މި އެވޯޑަށް ލިބުނު ފުރަތަމަ ފަހަރެވެ.