މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރި އެމްއެންޑީއެފްގެ ފުރަތަމަ ފީޗާ ފިލްމް "ހާދަރު" ގެ ހައުސްފުލް 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު، އެ ސިނަމާގައި ޝޯތައް ނިންމާލައިފި އެވެ.

ނަމަވެސް މި މަހުގެ 22 އިން ފެށިގެން މާދަމާ ރެއާ ހަމައަށް ޝްވެކް ސިނަމާގައި ފިލްމް ދައްކަމުން ގެންދާނެ އެވެ.

"ހާދަރު" ގެ އެސިސްޓަންޓް ޑައިރެކްޓަރު އަދި ފިލްމުގައި މުހިންމު ރޯލެއް ކުޅެފައިވާ ނަސްރުﷲ ނައީމް މިއަދު ބުނީ އޮލިމްޕަހުގައި ރެއާ ހަމައަށް 10 ޝޯ ދެއްކީ އެ އަދަދަށް ޝޯތައް ދައްކަން އޮޮލިމްޕަސް ލިބިފައި އޮތުމުން ކަމަށެވެ.

"އެހެން ނަމަވެސް ޝްވެކްގައި ދައްކާ ޝޯތަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ އެ ފަރާތުން މިހާރު އެބަ މަސައްކަތްކުރޭ އެކޮޅުގައި ޝޯތައް އިތުރު ކުރަން،" އަޝްހަރު ވަހީދު ޑައިރެކްޓް ކުރި ފިލްމާ ބެހޭ ގޮތުން ނަސްރު ބުންޏެވެ.

އޭނާ ބުނީ ފިލްމަށް މާލޭން ލިބުނު ތަރުހީބު ބޮޑު ކަމަށާއި އަތޮޅު ތެރެއިން މިހާތަނަށް ފިލްމް ދެއްކި ރަށްރަށުގައި ވެސް ދެއްކީ ހައުސްފުލް ޝޯތަކެއް ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ވަރުގެ ތަރުހީބެއް ފިލްމަށް ލިބިގެން ދިޔައީ. އަދިވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ފިލްމް ދެއްކުމުގެ އިންތިޒާމްތައް އެބަ ހަމަޖައްސާ،" ނަސްރު ބުންޏެވެ. "ފިލްމް ގިނަ ބަޔަކަށް އެހާ ބޮޑަށް ކަމުދިޔައީ އާންމުކޮށް މި ނިކުންނަ ދިވެހި ފިލްމްތަކާ ތަފާތުވެފައި، އެމްއެންޑީއެފްގެ އެއްޗަކަށްވީމަ ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަނީ."

މި މަހުގެ 28 އަދި 29 ގައި ކ. ތުލުސްދޫގައި "ހާދަރު" ދައްކަން ހަމަޖެހިފައިވާ އިރު، އދ. މަހިބަދޫގައި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފިލްމް އަޅުވާނެ އެވެ.

މީގެ އިތުރުން މި ފިލްމް އިންޑިއާ އާއި ސްރީ ލަންކާގައި ވެސް ދައްކަން ވަނި ހަމަޖެހިފަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހެދި "ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަރުންތަކެއް ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.

"ހާދަރު" އަކީ މިހާތަނަށް ދިވެހި ސިނަމާ އަށް އައި އެންމެ ފެންވަރު ރަނގަޅު، ރަހަތައް އެންމެ ހެޔޮވަރު އެއް ފިލްމުގެ ގޮތުގައި، ފިލްމު ބެލި ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. ހާއްސަކޮށް މި ފިލްމަކީ ގައުމު ދެކެ ލޯބިވުމުގެ އިހުސާސް ގެނުވައިދޭ ފިލްމެއް ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް ބުނި ގޮތުގައި "ހާދަރު" ކަހަލަ ފިލްމެއް ސިނަމާ އައުމުން އެ މީހުންގެ މަސައްކަތުގެ ކޮލިޓީ ރަނގަޅުކޮށް، އިތުރު ހަރުފަތަކަށް ދިއުމުގެ ޝައުގުވެރިކަމާއި ހިތްވަރު ލިބިގެން ގޮސްފައިވެ އެވެ.