މިހާރު ހަދަމުން އަންނަ ފިލްމް "ދޭތީ އަނިޔާ" އަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ އަސަރު ގަދަ ފިލްމަކަށް ވާނެ ކަމަށް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފި އެވެ.
އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ހާމިދު އަލީ އެވެ.
އަމްޖޭ ބުނީ ހާމިދުގެ ރޯލަކީ ސަޕްރައިޒެއް ކަމަށާއި ފިލްމު ފުރިހަމަވެގެން ދާނީ އޭނާގެ ރޯލުން ކަމަށެވެ.
ލޯބީގެ އަނިޔާވެރި ހާދިސާތަކެއް ވެސް ފެނިގެންދާ "ދޭތީ އަނިޔާ" ގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، ހަސަން މަނިކު (ރޯނު) އަދި ހަމްދާން ފާރޫގް ފަދަ އެކްޓަރުން ހިމެނެ އެވެ.
އަމްޖޭ ބުނީ ހުޅުމާލޭގައި ޝޫޓްކުރާ ފިލްމުގެ 10 މަންޒަރެއް ފިޔަވައި، އެހެން ހުރިހާ މަންޒަރެއް ނަގައި ނިމިފައިވާ ކަމަށެވެ.
"ކާސްޓުންގެ ތެރޭގައި ހިމެނޭ އެކްޓަރަކު ބޭސް ފަރުވާއަކަށް ރާއްޖޭން ބޭރަށް ދާން ޖެހިގެން ޝޫޓިން މިހާރު މި ވަނީ މެދުކަނޑާލައިފައި. އޭނާ އެނބުރި އަންނާނީ ދެ ހަފުތާއެއްހާ ފަހުން،" އަމްޖޭގެ 51 ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން ބުންޏެވެ. "އެހެންވެ އަލުން ޝޫޓިން ފަށަން ރާވާފައި އޮތީ އަންނަ މަހުގެ ސާދައިގައި."
އަމްޖޭ ބުނީ ފިލްމުގެ މަސައްކަތް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކާސްޓުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ބުންޏެވެ.
އޭނާ ބުނީ މި އަހަރު "ދޭތީ އަނިޔާ" ސްކްރީނަށް އަންނާނެ ކަމަށެވެ. ފިލްމުގެ ބައެއް މަންޒަރުތަކުގެ ކްލިޕްކޮޅު ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވެސް މިހާރު ވަނީ ހިމަނައިފަ އެވެ.
"އެކަމަކު ފިލްމުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައި، ފިލްމު ރިލީޒް ކުރުމުގެ ކަންތަކާ އުޅޭނީ،" އަމްޖޭ ބުންޏެވެ. "ބޭނުމެއް ނޫން މަސައްކަތް ނުނިންމައި ފިލްމް ސްކްރީނަށް ގެންނާކަށް. އެކަހަލަ މައްސަލަތަކެއް އެބަހުރި ކުރިން ވެސް ބެލުންތެރިންނަށް ތަޖުރިބާ ކުރަން ޖެހިފައި."
ހުސައިން ސޮބާހް މިއުޒިކް ތައްޔާރުކޮށްދޭ ފިލްމާ ބެހޭ ގޮތުން އަމްޖޭ ބުނީ ފިލްމްވެގެން ދާނީ ޓެކްނިކަލް ގޮތުން ވެސް މޮޅު ފިލްމަކަށް ކަމަށެވެ.
"ބަލާލަން ރީތި މަންޒަރުތައް މުއްސަނދި ހިތްގައިމު ފިލްމަކަށް ފިލްމް ވާނެ. ޓެކްނިކަލީ ވެސް ވަރަށް ތަޖުރިބާކާރު ޓީމެއް ފިލްމުގައި އަހަންނާ އެކު މަސައްކަތް ކުރަނީ،" އުދަބާނި އާއި ހަފަރާތް ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ. "އެހެންވީމާ މީގެ ކުރިން އަހަރެން ހަދާފައި ހުރި ފިލްމުތަކާ މި ފިލްމާ ވަރަށް ބޮޑު ތަފާތެއް ޓެކްނިކަލީ ފެންނާނެ."