މަޝްހޫރު ޑައިރެެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމް "ދޭތީ އަނިޔާ" ގެ ޝޫޓިންގެ 50 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށާއި އެ ފިލްމް މި އަހަރު ބެލުންތެރިންނާ ހަމައަށް އައުން ގާތް ކަމަށް ބުނެފި އެވެ.
އަމްޖޭ އާއި އެކްޓަރު/ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ހާމިދު އަލީ ގުޅިގެން އުފައްދާ ފިލްމުގެ ލީޑް ރޯލް ކުޅެނީ އައިިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) އެވެ. "ދޭތީ އަނިޔާ" ގެ ވަރަށް މުހިއްމު ރޯލަކުން ހާމިދު ވެސް ފެނިގެން ދާނެ އެވެ.
އަމްޖޭ ބުނީ ހާމިދުގެ ރޯލަކީ ސަޕްރައިޒެއް ކަމަށާއި ފިލްމު ފުރިހަމަވެގެން ދާނީ އޭނާގެ ރޯލުން ކަމަށެވެ. މި ފިލްމަކީ ލޯބީގެ ހާދިސާތަކެއް ދައްކުވައި ދޭ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އެހެން ނަމަވެސް ވާހަކައިގެ ތަފުސީލަކަށް ދާކަށް އަމްޖޭ އަދި ބޭނުމެއް ނޫނެވެ.
"އަހަރެން ނުބުނާނަން މުޅި ފިލްމަކީ އޮރިޖަނަލްއެކޭ. ހިންދީ ކޮންމެވެސް ފިލްމަކާ އެއްގޮތް ކަންތައްތަކެއް ހުރުން އެކަށީގެންވޭ،" ހިންދީ ރާގުގެ ފަސް ލަވަ ވެސް ހިމެނޭ ފިލްމާ ބެހޭ ގޮތުން އަމްޖޭ ބުންޏެވެ. "އަނެއްކާ ސްކްރީނުން ބެލުންތެރިންނަށް އާ ޖޯޑެއް މި ފިލްމުން ފެނިގެން ދާނެ. ރިޝްފާ އާއި އާނަންދުގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ގަބޫލް ކުރަނީ."
ހުޅުމޭލާގައި ޝޫޓް ކުރަމުން އަންނަ "ދޭތީ އަނިޔާ" ގެ މިއުޒިކް ތައްޔާރުކޮށް ދެނީ ހުސައިން ސޮބާ އެވެ.
"ފިލްމުގެ ލަވަތައް ނޫން އެހެން ހުރިހާ މަންޒަރުތަކެއް މި ނަގަނީ ހުޅުމާލޭގައި. އެ ރަށުގައި ޝޫޓް ކުރާ އިރު ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އެބަ ލިބޭ. އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް ދަންނަވަން،" އަމްޖޭ ބުންޏެވެ. "މިހާރު މަސައްކަތް ދާ ގޮތުން ނަމަ މި މަހުގެ ނިޔަލަށް ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ."
އަމްޖޭ ބުނީ އޭނާ ޑައިރެކްޓް ކުރާ 51 ވަނަ ފިލްމަކީ ޓެކްނިކަލް ގޮތުން ވެސް މޮޅު ފިލްމަކަށް ވާނެ ކަމަށެވެ.
"ބަލާލަން ރީތި މަންޒަރުތައް މުއްސަނދި ހިތްގައިމު ފިލްމަކަށް ފިލްމް ވާނެ. ޓެކްނިކަލީ ވެސް ވަރަށް ތަޖުރިބާކާރު ޓީމެއް ފިލްމުގައި އަހަންނާ އެކު މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ. "އެހެންވީމާ މީގެ ކުރިން އަހަރެން ހަދާފައި ހުރި ފިލްމުތަކާ މި ފިލްމާ ވަރަށް ބޮޑު ތަފާތެއް ޓެކްނިކަލީ ފެންނާނެ."
އަމްޖޭ އަދި ބުނީ މި އަހަރު ފިލްމް އަޅުވަން ހިޔާލުކޮށްފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ.
"ރޯދައިގެ ފަހުން ފިލްމު އެޅުވުމުގެ ކަންތަކާ އުޅޭނީ. މިހާރު ފިލްމު ސްކްރީނަށް އައުން ވަރަށް ގާތް،" އޭނާ ބުންޏެވެ.
އަމްޖޭގެ 50 ވަނަ ޑައިރެކްޝަން "ގިލަން" އަކީ ވެސް އަދި ރިލީޒް ނުވެ އޮތް ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ރިލީޒް ކުރަން ކުރިން ނިންމި ފިލްމެކެވެ.