އިމްރާން ގޭބަންދަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިމްރާން ގޭބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ގޮޅި މަރާމާތު ކުރަން ކަމަށެވެ. އެ މަރާމާތު ނިމުމާއެކު އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އިމްރާން ގޭބަންދަށް މި ބަދަލުކުރީ، ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވުމާ އެކު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭތީވެ އޭނާ ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދިފައި ވަނިކޮށެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.

އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.