އައްޑޫ ފޭދޫގެ ފެން ހިންދުމުގެ ނިޒާމް 18 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

ސ. ފޭދޫގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމްކުރުމަށް، 18 މިލިއަން ރުފިޔާ އަށް ލަންކާގެ އަމިއްލަ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.


އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ހަވާލު ކުރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިންއާ އެވެ. މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ސެނޮކް ޓްރޭޑް ކޮމްބައިންގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ އެކައުންޓެންޓް ޕްރަބާތު ރުވަންޕުރަ އެވެ.

ފެން ހިންދުމުގެ ނިޒާމެއް ފޭދޫގައި ގާއިމްކުރަނީ އެ ރަށަށް ދޭތެރެދޭތެރެ އިން ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށެވެ. އެހެންކަމުން މި މަޝްރޫއަށް ފޭދޫ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"ފޭޭދޫ ރައްޔިތުން މި މައްސަލަ އަށް ހައްލެއް އާދޭތޯ ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުން އަންނަ ކަމެއް މިއީ. އަޅުގަނޑުމެން އުންމީދު ކުރަނީ ފޭދޫ ރައްޔިިތުން މި މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް،" އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ފޭދުއަކީ ކުރިން ވެސް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ރަށެކެވެ. ނަމަވެސް މިހާރު މޫސުމަށް އަންނަ ބަދަލުތަކާ އެކު ވާރޭ ވެހޭލެއް ގިނަވެފައި، ކުއްލިއަކަށް ބޯކޮށް ވާރޭ ވެހިގަތުމުން ފެންބޮޑުވުމުގެ މައްސަލަ އިތުރުވެ، އައްޑޫގެ އެެހެން ރަށްތަކަަށް ވެސް މި މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ނިމުމުން، ފޭދޫގެ އެ މައްސަލަ ހައްލުވާނެ ކަމަށާއި، "ސްޓޯމް ވޯޓާ މެނޭޖްމެންޓް ނެޓްވޯކެއް" ވެސް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.

ފޭދޫގައި ގާއިމްކުރާ ފެން ހިންދުމުގެ ނިޒާމަކީ ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

ތަރައްގީގެ މިފަދަ މަޝްރޫއުތަކަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.