އަންނަ މަހު ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ވަގުތީ ބަސް ޓާމިނަލެއް ހަދަން ފަށައިފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި ހަދާ ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
"އަންނަ މަހުގެ މެދުތެރެއަށް ވަގުތީ ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެ. ބްރިޖް ހުޅުވާއިރު، ބަސް ދަތުރާ އެއްކޮށް ޓާމިނަލްގެ ހިދުމަތް ދެވޭނެ، އިންޝާﷲ" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތް ފަށައިގަންނައިރު ކަރުދާސް ޓިކެޓްގެ ބަދަލުގައި އިލެކްޓްރޯނިކް ޓަޗް އެންޑް ގޯ ކާޑެއް ތަައާރަފްކުރަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ދޭން ދާއިމީ ބަސް ޓާމިނަލް ހަދަން ނިންމާފައި ވަނީ މާލޭގެ ތައިސޭ ކޮށީގަ އެވެ.
އެ އޮފިޝަލް ވިދާޅުވީ ދާއިމީ ޓާމިނަލްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ ކުނިކޮށްޓާ ޖެހިގެން ބަސް ޓާމިނަލެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިއީ ބްރިޖުން އަންނަ ބަސްތަކުން މީހުން ހުސް ކުރާށާއި މާލެ ކޮޅަށް ދާ މީހުން އަރުވަން މަޑުކުރާ ޓާނިމަލެވެ.
މި ޓާމިނަލާ ޖެހިގެން ހުރި ކުނިކޮށި މިއަދުން ފެށިގެން ވަނީ ހުޅުމާލޭގެ ހުޅަނގު އުތުރު ފަރާތުގައި އެސްޓީއޯއިން ހަދަން ފެށި ހޮޓަލާ އިންވެގެން އޮންނަ ސަރަހައްދަށް ބަދަލުކޮށްފަ އެވެ.
ބްރިޖާ އެކު ބަސް ދަތުރުގެ ހިދުމަތް ދޭން އެމްޕީއެލް އިން ގެންނަ ބަހުގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ ނުވަ ބަސް މި މަހު ފަހުކޮޅު އަންނައިރު އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ސެޕްޓެމްބަރު މަހު އިތުރު ހަ ބަސް ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.