ދަފްތަރު މީހުންނަށް ޕޮއިންޓް ލިބޭނީ މުއްދަތުގެ ކޮންމެވެސް އެއް ބަޔަކުން

މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާ އިރު ހިޔާރު ކުރެވޭނީ މާލޭގައި އުޅުނު މުއްދަތާއި ދަފުތަރުގައި އެ މީހަކު ޖެހުމަށް ފަހު ހޭދަވި މުއްދަތުގެ ތެރެއިން ކޮންމެވެސް އެއް މުއްދަތެއް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ހައުސިން މިނިސްޓްރީން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުން ފްލެޓް ދިނުމުގައި ދަފްތަރުގައި ހޭދަވި މުއްދަތާއި މާލޭގައި އުޅުނު މުއްދަތަށް ޕޮއިންޓް ލިބުމުގެ ފުރުސަތު އޮތެވެ. އޭރުން މިސާލަކަށް، ދަފުތަރުގައި ޖެއްސި ފަހުން 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނަމަ 40 ޕޮއިންޓް ލިބޭ އިރު، މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމުން ކަނޑައަޅާފައިވާ 40 ޕޮއިންޓާ އެކު ޖުމްލަ 80 މާކްސް ހަމައެކަނި މާލޭގައި އެ މީހަކު ހޭދަކުރި މުއްދަތަށް ލިބޭނެ އެވެ. އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތާއި ދަރިންގެ އަދަދަށް ލިބޭ މާކްސްއާ އެކު އެ މީހެއްގެ ޕޮއިންޓް ވަރަށް މައްޗަށް ދިއުމުގެ ފުރުސަތު އޮތެވެ.

އެކަމަކު ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައި ވަނީ ދަފްތަރުގައި ޖައްސާ މީހުން ހިޔާރު ކުރަން ޖެހޭނީ އޭގެ ތެރެއިން އެއް މުއްދަތެއް ކަމަށެވެ. މި ގޮތަށް މި ހަމަޖެއްސީ ގިނަ ބައެއްގެ ޝަކުވާ ލިބެން ފެށުމުންނެވެ.

"މިހާރު ކޮންމެ މީހަކަށް ވެސް، އެ މީހަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެ ގޮތް ހިޔާރު ކުރެވޭނެ. އަލަށް ރަޖިސްޓްރީވި މީހެއް ނަމަވެސް އޭނާ މާލޭގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ނަމަ، އެ ގޮތް ހިޔާރު ކުރެވޭނެ،" އެ މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭ 12 ކެޓަގަރީގައި ވެސް 40 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކެޓަގަރީއެއް ނެތުމުން ގިނަ ބަޔަކު ޝަކުވާ ކުރާ ކަމަށެވެ. އެހެންވެ، ދަފުތަރުގައި އެ މީހުން ރަޖިސްޓްރީވެ، ފްލެޓަށް ކުރިމަތިލާން އޭނާ އެދިވަޑައިގަތެވެ.

މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ޕޮއިންޓު ދޭނެ މިންގަނޑު ދެ ވަނަ ފަހަރަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ދަފުތަރުގައި ހުރި މުއްދަތަށް ބަލައި، ޕޮއިންޓް ދޭ ގޮތް

- ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ނުވާ ނަމަ 10 ޕޮއިންޓް - ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުވެ، 10 އަހަރު ނުވާ ނަމަ 20 ޕޮއިންޓް - ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ 30 ޕޮއިންޓް - ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެ އިތުރުވެފައިވާ ނަމަ 40 ޕޮއިންޓް

މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ދޭ ގޮތް

- މާލޭގައި ދިރިއުޅޭތާ 5 އަހަރު ނުވާ ނަމަ - އެއްވެސް ޕޮއިންޓެއް ނުލިބޭ - މާލޭގައި ދިރިއުޅޭތާ 5 އަހަރުވެ، ދިހަ އަހަރު ނުވާ ނަމަ 10 ޕޮއިންޓް - މާލޭގައި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ 15 ޕޮއިންޓް - މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ވެފައިވާ ނަމަ 40 ޕޮއިންޓް

ދަފުތަރުގައި ޖެހިފައިވާ މީހުން ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާއިރު، ދަފްތަރުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށހެޅުމުން ހަވާލުކުރާ ވަގުތީ ލިޔުމުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

އަދި މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ ދެ ހެކިވެރިންގެ އައިޑީ ކާޑު ވެސް ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން، މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތުގެ ތެރޭގައި ކިޔަވަން ނުވަތަ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމާއި، ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ހަ މަހަށް ވުރެ ދިގު މުއްދަތެއްގައި އެހެން ތަނެއްގައި ދިރިއުޅެފައިވާ ނަމަ އެކަން ސާބިތުކުރަން ބޭސް ފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތައުލީމީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.