ގާނޫނު ތަން ދޭ އެންމެ ފުޅާމިނުގައި ކެމްޕެއިން ކުރާނަން: ޒަމީރު

ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ޕީޕީއެމުން ރިޔާސީ ކެމްޕެއިން ކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު، ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ގޮތަށް، މިފަހަރުގެ ރިޔާސީ އިންތިޚާބު ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕީޕީއެމުން ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހެޅީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް ކެންޑިޑޭޓުގެ އެޕްލިކޭޝަން ފޯމް ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް، ޓޫރިޒަމް މިނިސްޓަރު ޒަމީރު، (ކ-2) އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފާ މިއަދު ހަވާލު ކުރައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގާނޫނާއި ގަވައިދުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބޭ އެންމެ ފުޅާ ދާއިރާއެއްގައި (ކެމްޕެއިން) ކުރިއަށް ގެންދާނަން،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޕީޕީއެމްގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ އަދުލީ އިސްމާއީލާއި އީސީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކެންޑިޑެސީ ބަލައިގަތުމާ މެދު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި ކެންޑިޑެސީ ފޯމް ތިން ބޭފުޅަކު ހުށަހެޅުއްވިއިރު، ހަތް މީހަކު ފޯމް ގެންގޮސްފައިވާތީ އިތުރު ފޯމުތައް ކޮމިޝަނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ކެންޑިޑޭޓުންގެ ނަން އިއުލާން ކުރުމާއި ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މި މަހުގެ 18 ގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރީ-ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ރައީސް ޔާމީން އިލެކްޝަނަށް ވަޑައިނުގެން ސަބަބާ ގުޅޭ ގޮތުން، ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ އެމަނިކުފާނަށް ކެންޑިޑެސީ ފޯމް ހުށަނޭޅުއްވުނީ އެކި ރަށްތަކަށް ވަޑައިގެން އުޅުއްވާތީ ކަމަށެވެ. ރައީސް ޔާމީން މި ވަގުތު އުޅުއްވަނީ ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. ރައީސް، މިއަދު ހެނދުނު ހުންނެވީ ކޫއްޑޫގަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަމީރު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އެކި ރަށްރަށަށް ކުރައްވަން އުޅުއްވި ދަތުރުފުޅުތައް، މިދިޔަ ފެބްރުއަރީ 1 ގައި ދިމާވި ކަންކަމާ ގުޅިގެން ފަސް ކުރެއްވި އެވެ. އަދި ފޯމް އިލެކްޝަނަށް ހުށަހެޅުއްވީ ރައީސް ޔާމީނާއި ޝަހީމްގެ އިޒުނައާ އެކު، އިލެކްޝަންސްގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ފޯމް ހުށަހެޅުއްވުމަށް ބޮޑު ހަރަކާތެއް ބޭއްވިއިރު، އެފަދަ ހަރަކާތެއް ޕީޕީއެމުން ނުބޭއްވީ ކީއްވެތޯ ދެންނެވުމުން ޒަމީރު ވިދާޅުވީ، އެފަދަ ހަރަކާތެއް ބޭއްވުމަށް ޕީޕީއެމްގެ އާންމު މެމްބަރުން ވަރަށް ބޮޑަށް އެދުނު ކަމަށެވެ. އެކަމަކު، އެފަދަ ކަމެއް ބާއްވައިފި ނަމަ، ރައްޔިތުންނަށް ދަތިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ، މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ތިން ވަނަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ހުށަހެޅުއްވީ އިބޫ އާއި ފައިސަލްގެ ފޯމެވެ. އޭގެ ފަހުން، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ދަފްތަރު ނަމްބަރު 6562، ހުސައިން ނަސީރާއި އޭނާގެ ރަނިންމޭޓް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާގެ ނަން އީސީ އަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އީސީން އަދި ގޮތެއް ނުނިންމަ އެވެ.