ވޯޓު ލާ ދުވަސް ބަންދުކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތް

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.


ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ކަމަށްވާ އަންނަ މަހުގެ 23 ވަނަ ދުވަސް ދިމާވަނީ އާދިއްތަ ދުވަހާ އެވެ. އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ މެދު ރައީސް އަބްދުﷲ ޔާމީން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ރައީސް ޔާމީންގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސުއޫދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ އެއީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަނެވޭނެ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުން ސުއޫދަށް ފޮނުވި ޖަވާބުގައިވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް އޮފީހުގައި ވަނީ އެދިފަ އެވެ. އެދުވަސް ބަންދު ކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އީސީން ބުނެ އެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް އިންތިހާބެއް ހުކުރު ނުވަތަ ހޮނިހިރުދުވަހުގައި ނޫނީ ބާއްވާފައެއް ނުވެ އެވެ.