ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އެއް މިންވަރެއްގައި ހިފެހެއްޓުމަށް ވަކި ގޮތެއް ނިންމައި އެ އަށް އަމަލުކުރަން ރަށްރަށުގެ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ސޮއި ކުރައްވައި ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ފަތިސް ނަމާދު ބަންގި އަށް ފަހު ގަމަތާ ދެމެދު އެންމެ ގިނަ ވެގެން ހޭދަކުރެވޭނީ ހަތް މިނެޓު ކަމަށާއި އަދި އެ ނޫން ނަމާދުތަކުގައި ގިނަ ވެގެން ހޭދަ ކުރެވޭނީ ފަސް މިނެޓު ކަމަށެވެ.

"މިކަން މިސްކިތްތަކުގެ އިމާމުން، މުދިމުންނަށް ލިޔުމުން އަންގަވައި ސޮއި ކުރުމަށް ދަންނަވަމެވެ،" ސާކިއުލާގައި ބުންޏެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފްގެ ފޭސްބުކްގައި ވިދާޅުވީ އެ ގަވާއިދު ހަދާފައި ވަނީ ރަވާތިބު ސުންނަތް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. އަދި ބަންގި އާއި ގަމަތާ ދެމެދުގައި ސުންނަތުގެ ހަތަރު ރަކުއަތް ކުރުމަކީ ފަސް މިނެޓް ތެރޭގައި ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.