އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއޭ)ގެ ތެޔޮ ރައްކާކުރާ ފާމަކުން ގިނަ އަދަދެއްގެ ޖެޓް ފިއުލް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އެއާޕޯޓްގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މީހުންނަށް ބަދަލު ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިއެންއޭގެ ތެޔޮ ފާމަކުން، 19،000 ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނެގި މައްސަލާގައި ވަޒީފާ އިން ވަކިކޮށްފައި ވަނީ އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފެކެވެ. މި މީހުންނަށް ބަދަލު ދޭން އަމުރުކޮށްފައި ވަނީ އެ މީހުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުގަ އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ވަޒީފާއިން ވަކިކުރީ ވައްކަމުގައި އެ މީހުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް އެއާޕޯޓްސް ކޮމްޕެނީން ބުންޏަސް އެ މީހުން އެކަމުގައި ބައިވެރިވިކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބަދަލެއްގެ ގޮތުން އެއިން ކޮންމެ މީހަކަށް 60،400ރ. ދޭން ވަނީ އަމުރުކޮށްފަ އެވެ.
އެ ދެ މީހުންގެ ފަރާތުން އެދިފައި ވަނީ ވަޒީފާ އަނބުރާ ހޯދައި ދިނުމަށް ކަމަށް ވިޔަސް ޓްރައިބިއުނަލުން ނިންމީ ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދޭން އެންގި ފައިސާ 15 ދުވަހުގެ ތެރޭގައި ދިނުމަށް ވަނީ އަންގައިފަ އެވެ.
ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން މީހަކު ވަޒީފާއިން ވަކިކުރީ ނުވަތަ ފިޔަވަޅު އެޅީ ރަނގަޅަށް ކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ. އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މީހަކު ވަކިކުރީ ނުވަތަ ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ބެލެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި އެއާޕޯޓްގެ ދެ މުވައްޒަފަކު ހައްޔަރު ވެސް ކުރިއެވެ. އެކަމަކު ހައްޔަރުކުރި ދެ މީހުންނަކީ ވަޒީފާއިން ވަކިކުރި ދެ މީހުން ކަމެއް ސާފެއް ނުވެ އެވެ.