އިންތިހާބުގެ ކަންކަން ހުރީ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް: އިދިކޮޅު ކޯލިޝަން

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން ހުރީ، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގެންފި ނަމަ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ ގޮތަކަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، އިންތިޚާބަށް ކުޑަތަން ވެފައިވާއިރު އަދިވެސް ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އިންތިޚާބުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ހުރިއިރު އެކަންތައްތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ 23ގައި ބާއްވާ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވޯޓާ ގުޅޭ ކަންތައްތައް ހުރީ ރައީސް ޔާމީން ބަލިވެއްޖެނަމަ އިންތިޚާބު ހުއްޓުވައި ބޮޑު ހަމަނުޖެހުމެއް ހިންގަން ފުރުސަތު ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"..އެންމެންގެ ތެރޭގައި ހަމަނުޖެހުން އުފެދި ގަޑުބަޑަކަށް ވެގެންދާނެ. ދެން އެ ހިސާބުން ރައީސް ޔާމީނަށް މި ފުރުސަތު ލިބެނީ އެކި ގޮތްގޮތުން އިންތިޚާބު ހުއްޓުވާލަން އެކި ގޮތަށް ކަންކަން ކުރަން. އިންތިޚާބުގެ ކަންކަން ރޭވިގެން މި ދަނީ ރައީސް ޔާމީން މޮޅު ނުވެއްޖެ ކަމަށްވާ ނަމަ މި އިންތިޚާބު ވަގުތުން ވަގުތަށް ހުއްޓުވައި ބޮޑު ހަމަނުޖެހުމެއް ހިންގަން ފުރުސަތު ދިނުމުގެ ގޮތަށް،" އިންތިޚާބާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓް ބޭނުންކުރަން އިލެކްޝަންސް އިން މަޝްވަރާކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ވެސް ވޯޓު އޮޅުވާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި އިދިކޮޅުން ސިފަ ކުރެ އެވެ. އޭގެ އިތުރުން ވޯޓު ލުމަށްފަހު އިނގިލީގައި ޖަހަން ބޭނުންކުރަނީ ވެސް ފަސޭހައިން ފިލުވޭ ދެއްޔެއްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވިތާ 48 ގަޑިއިރު ވެގެން ދިޔައިރު އެ ފޯމުތަކަށް ވީ ގޮތަކާ މެދު އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަޖިސްޓްރޭޝަނަަށް ހުށަހެޅި ފޯމުތައް ވެރިކަން ކުރާ ޕީޕީއެމުން މުލިއާގެ ތެރޭގައި ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ނިޔާޒު ތުހުމަތުކުރެއްވި އެވެ. އެހެންވެ އިދިކޮޅު ޕާޓީތަކުން ވަނީ އެކަން ސާފުކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފަ އެވެ.

"ފޯމް ޕްރޮސެސިން ހިނގަނީ ރަނގަޅަށްތޯ ބަލަން އަޅުގަނޑުމެން އެދުނިން. އެއް ގަޑިއިރުގެ ނޯޓިސް އަކާ އެކު ފޯމްތައް ޕްރޮސެސްވާ ގޮތް ބަލަން ފުރުސަތު ދޭނެ ކަމަށް އީސީން ވިދާޅުވި. ނަމަވެސް ހަވީރު ވެގެން ދިޔައިރު ވެސް އެ ފުރުސަތެއް ނުދޭ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިތަންމެ ބޮޑަށް އިންތިޚާބު އޮޅުވާލަން މަސައްކަތް ކުރިއަސް ރައްޔިތުން އެ ފުރުސަތެއް ނުދޭނެ ކަމަށެވެ.

"މިފަހަރު އިރާދަކުރެއްވިއްޔާ މަކަރު ހަދައިގެން އޮޅުވާލައިގެން ވެރިކަމުގައި [ރައީސް ޔާމީން] ހުއްޓަކަ ނުދޭނަން،" ނިޔާޒު ވިދާޅުވި އެވެ.

އިންތިޚާބު ކަވަރު ކުރަން އަންނަ ބޭރުގެ ނޫސްވެރިންނަށް ރާއްޖެ އާދެވެނީ ބިޒްނަސް ވިިސާ ހޯދައި ސްޕޮންސަރެއް ލިބިގެން ކަމަށާއި ނަމަވެސް އެއީ އިންތިޚާބު ކަވަރު ކުރަން ނޫސްވެރިންނަށް ފުރުސަތު ދެވެން ޖެހޭ ގޮތެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުންތައް އީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑީއާ ކައުންސިލަށް ވެސް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމެޓީގެ ޗެއާމަން އަހުމަދު ނުއުމާން ވިދާޅުވީ ވޯޓަށް މަކަރު ހެދުމަށް ވަރަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެތައް ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މުލިއާގެ ތެރޭގައި ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުރެވިގެން ވާނެ ކަމެއް ނޫން. ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ޖެހޭނެ އެކަން ހުއްޓުވަން. ސަބަބަކީ އެއީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ގޮތަށް މިކަންކަން ވެގެން މި ދަނީ،" ނުއުމާން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވެގެން ކަމަށް ބުނެ އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުން ދާ ކަމަށާއި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެ މީހުންގެ ހައްގުތައް ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.