ވެރިކަންކުރާ ޕާޓީ، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަނާ މެދު މާދަމާ ރޭ ގޮތެއް ކަނޑައަޅަން އެމްޑީއޭ އިން ނިންމައިފި އެވެ.
ޕީޕީއެމާއި އެމްޑީއޭއާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށް ވާހަކަ ދެކެވެމުން ދާއިރު އެމްޑީއޭއިން ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށެވެ. ނަމަވެސް މާދަމާ ރެއަށް އެ ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ. އެޖެންޑާގައި ހިމަނާފައިވަނީ އެޕާޓީގެ ކުރިމަގާ ގުޅޭ ކަންތައްތައް ނިންމުމުގެ ވާހަކަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ހިންގަވާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ މެމްބަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވާހަކަ ދައްކަވަމުން ވިދާޅުވީ މާދަމާ ރޭގެ ބައްދަލުވުމުގައި އެޕާޓީ އާއި ޕީޕީއެމާ ދެމެދު ހަދާފައިވާ ކޯލިޝަނާ އެކު ކުރިއަށް ދާނީތޯ ނުވަތަ އެހެން ޕާޓީއަކަށް ތާއީދު ކުރާނީތޯ ނިންމާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ޕާޓީގެ ކައުންސިލާއި އާންމު ބައެއް މެމްބަރުން ވެސް ތާއީދުކުރަނީ ޕީޕީއެމް ކޯލިޝަނާ އެކު ކުރިއަށް ދިއުމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ ޕާޓީން ނިންމާނީ ޕީޕީއެމް ކޯލިޝަނާ އެކު ކުރިއަށް ދާން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާ އިބޫއަށް ކެމްޕެއިން ކުރައްވަން ވެސް ފައްޓަވާފަ އެވެ. އެމްޑީއޭއާ ގުޅުމުގެ ކުރިން މަމްދޫހާ، އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވި އެވެ.
އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަންގެ މެދުގައި ނުތަނަވަސް ކަންތައްތަކެއް ހުރުމުގެ ސަބަބުން ދާދި ފަހުން ދެ ޕާޓީގެ ލީޑާޝިޕުން ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ޕީޕީއެމްގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ރައީސް ޔާމީންގެ ކެމްޕޭން އެއްވެސް ހަރަކާތަކުން ސިޔާމް އަދި ނުފެނެ އެވެ. އިދިކޮޅު ކޯލިޝަނާ ސިޔާމް ގުޅިވަޑައިގަންނަވަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން ވަނީ އަރައިފަ އެވެ.