ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށް ހުއްދަ ދޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުރިން ބިޒްނަސް ވިސާގައި އެތެރެ ވެވޭނީ ހުއްދަ ދޭ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކަމަށް ވިޔަސް، އޭގެ ބަދަލުގައި 30 ދުވަހަށް މިހާރު އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާން ލިބޭ މުއްދަތު 30 ދުވަހަށް އިތުރު ކުރިއިރު، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރާ ބޭރުގެ ފަރާތްތަކުން ރާއްޖެ އެތެރެވާން ޖެހޭނީ ބިޒްނަސް ވިސާގައި ކަން އިމިގްރޭޝަނުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ޓޫރިސްޓް ވިސާގައި އެތެރެވެގެން، އިންތިޚާބު އޮބްޒާވް ކުރުމުގެ މަސައްކަތެއް ކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އޮތީ ހުޅުވާލައިފަ އެވެ.