ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ފަސޭހައިން ވިސާގެ މުއްދަތު އިތުރުކުރެވޭ ގޮތް ހަދައިފި އެވެ.
އިމިގްރޭޝަނުން ބުނީ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް، "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތު ވިސާ އަށް އެދޭއިރު އަލުން ފުރަން ނުޖެހުމާއި ޕާސްޕޯޓުގެ މައުލޫމާތާއި ޓޫރިސްޓު މީހާ ހުންނަ ތަނުގެ ރެކޯޑު ފަދަ މުހިއްމު މައުލޫމާތު ސިސްޓަމުން އަމިއްލައަށް ފުރޭތީ ވިސާ އަށް އެދުމުގެ މަރުހަލާ ކުރިއަށްވުރެ މިހާރު އަވަސްވެ، ފަސޭހަވާނެ ކަމަށް ބުންޏެވެ.
އެކަންކަމުގެ އިތުރުން ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ މީހުންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތަށް އެދި ހުށަހެޅޭއިރު ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ މީހެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދޭނެ އެވެ. އެ މަރުހަލާގައި، ނެގިތާ އަހަރެއް ނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެއީ ޕާސްޕޯޓު އާކުރުމުން ނޫނީ ނުވަތަ ސިސްޓަމްގައިވާ މައުލޫމާތާއި ޕާސްޕޯޓުގައި ހިމެނޭ މައުލޫމާތު ބަދަލުވެފައިވާ ނަމަ އެވެ.
ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު ވެސް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަޕްޑޭޓް ކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މީގެ ކުރިން އެ ޕްރޮސެސް ފުރިހަމަކުރަން ފަސް ދުވަސް ހޭދަވެ އެވެ. އެކަމަކު، އަލަށް ގެނައި ބަދަލުތަކާއެކު ދެ ދުވަސް ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ވިސާ މުއްދަތު އިތުރުކޮށް، އެޕްރޫވްކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ ބަދަލުތަކަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދައުލަތުގެ ހިދުމަތްތައް ހަރުދަނާކޮށް، ޓޫރިޒަމް ދާއިރާ ކުރިއަރުވަން ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.