އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމް "ބާރަތު" ގެ ބަތަލާގެ ރޯލް ދޭން އެދުނީ ޕްރިޔަންކާ ޗޯޕްޅާ އަމިއްލަ އަށް ކަމަށާއި އެކަމަކު ފިލްމްގެ ބަތަލާގެ ރޯލަށް ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ ފުރަތަމަ ހޮވުމަކަށް ވެސް ވީ ކެޓްރީނާ ކެއިފް ކަމަށް ސަލްމާން ހާން ބުނެފި އެވެ.
"ބާރަތު" އަށް ސޮއިކުރުމަށް ފަހު، ފިލްމްގެ ޝޫޓިން ފެށިތާ ފަސް ދުވަސް ފަހުން ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލައިފަ އެވެ. އަދި އޭގެ ދެތިން ދުވަސް ފަހުން "ބާރަތު" ގެ ބަތަލާއަކަށް ކެޓްރީނާ ހަމަޖެއްސިކަން، ސަލްމާނާއި އަލީ ޓްވިޓާގައި ހިއްސާކުރި އެވެ.
ސަލްމާބް ބުނި ގޮތުގައި "ބާރަތު" ބަތަލާއަކަށް ނަގަން އަތުލްގެ ފުރަތަމަ ހޮވުމަކީ ސީދާ ކެޓްރީނާ އެވެ.
"އެކަމަކު ޕްރިޔަންކާ އަލީ އަށް ގުޅާފައި ފިލްމްގެ ބަތަލާގެ ރޯލް ދޭން އެދުނީމަ އެގޮތަށް ނިންމީ،" ޕްރިޔަންކާ އެކު "މުޖް ސޭ ޝާދީ "ކަރޯގޭ" ފަދަ ފިލްމްތައް ކުޅުނު އެކްޓަރު ބުންޏެވެ. "އެކަމަކު އަތުލްގެ ފުރަތަމަ ޗޮއިސްއަކީ ކެޓްރީނާ."
ސަލްމާން ބުނި ގޮތުގައި ޕްރިޔަންކާ ކުއްލި ގޮތަކަށް ފިލްމް ދޫކޮށްލީ އޭނާގެ އަމިއްލަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެހެންވެ އެކަމާ އެއްވެސް ހިތްބަރު ކަމެއް، ނުތަނަވަސް ކަމެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެން އުފާ ވެސް ކުރަން ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖްވިމަ. އަދި އެކަމަށް މަރުހަބާ ވެސް ކިޔަން. މުމްބާއީގައި ބޭއްވި ރޯކާ ސެރެމަނީގައި އަހަރެމެންގެ އާއިލާގެ ފަރާތުން އަރްޕިތާ [ހަގު ކޮއްކޮ] ވެސް ބައިވެރިވި." މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕްރިޔަންކާގެ އެންގޭޖްމަންޓް ރަސްމީ ކުރަން އިންޑިއާގައި ހަފުލާއެއް ބޭއްވި އިރު، ޝޫޓިން އަށް މޯލްޓާގައި ހުރިކަން ފާހަގަކޮށް ސަލްމާން ބުންޏެވެ.
ކެޓްރީނާ އާއި ސަލްމާން ދާދި ފަހުން ވަނީ "ބާރަތު" ގެ ދެވަނަ ޝޫޓިން ޝެޑިއުލް މޯލްޓާގައި ނިންމާލައިފަ އެވެ. ފިލްމްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދިޔައީ މުމްބާއީގަ އެވެ. ފިލްމްގެ ބާކީ މަންޒަރުތައް ދެން ނަގަން ހަމަޖެހިފައި ވަނީ އަބޫ ދާބީގަ އެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" އަކީ އަލީއާ އެކު ސަލްމާނާއި ކެޓްރީނާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޓައިގާ ޒިންދާ ހޭ" އެވެ.
ދެހާސް ސާދައިގައި ރިލީޒް ކުރި އަލީގެ "ގުންޑޭ" ގެ ބަތަލާގެ ރޯލް ކުޅުނު ޕްރިޔަންކާ "ބާރަތު" ދޫކޮށްލި އިރު، އޭނާ އޮތީ ސޮނާލީ ބޯސްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" އަށް ސޮއިކޮށް އޭގެ ޝޫޓިން ވެސް ފަށައިފަ އެވެ.
"ބާރަތު" ގެ އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ އަދި ނޯރާ ފަތެހީ ހިމެނެ އެވެ. މި ފިލްމްގައި ޖެކީ ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.