ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ އިސްލާހު މަޖިލީހުން ބޭރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، ގާނޫނު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި އެވެ.


ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ފައިސަލް ނަސީމް އިސްލާހު ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށެވެ. މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ ފުރަތަމަ ކިޔުން ވެސް ނުއިއްވަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރުމަށް ނުވަތަ މާލިއްޔަތުން އުނިކުރަން އެއްވެސް ކަހަލަ ބިލެއް ނުވަތަ އިސްލާހެއް ހުށަނޭޅޭނެ އެވެ.

މި އިސްލާހު ބަލައިނުގަތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައިސަލް މިއަދު ވިދާޅުވީ އިސްލާހު ހުށަހެޅުއްވީ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާއާ ބައްދަލުކުރައްވައި، ބައެއް ބަދަލުތައް ގެންނެވުމަށް ފަހު ކަމަށެވެ. އެކަމަކު ފަހުން މި އިސްލާހު ބަލައިނުގެނެ ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސެލް ޖެނެރަލް ވިދާޅުވީ ވަކިވަރެއްގެ އާމްދަނީގެ ތެރެއިން ނުވަތަ މާލިއްޔާއަށް ބޮޑުނުވާ ކަހަލަ ބިލުތަކަކާއި އިސްލާހުތައް ބަލައިގަންނާނެއޭ. އެހެން ވިދާޅުވީމަ ހުށަހެޅުއްވީ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން މަޖިލިސް ބައެއް މެމްބަރުން ވަނީ މާލިއްޔަތާ ގުޅުން ހުރި ބައެއް ބިލުތައް ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ގާނޫނަށް އިސްލާހު ފާސްކުރުމާއި ފުލުހުންނާއި ސިފައިންގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހު ފައިސަލް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިބުމުގެ ބޭނުމެއް ކޮބާ؟ ރައްޔިތުންގެ ހައްގުގައި ވާހަކައެއް ނުދެއްކޭ. ރައްޔިތުންނަށް ފަސޭހަ އެއްވެސް އިސްލާހެއް ހުށަނޭޅޭ،" މަޖިލީހުގެ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވެ ފައިސަލް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ކުއްޖަކު ބޭނުންވާ ކޮންމެވެސް އެއް ތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސަން ވާނެ ކަމަށެވެ.

މި ގާނޫނަށް އިސްލާހީ ހުށަހެޅީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.