މީމިސް ބޭނުންކުރުމުގެ ސިޔާސަތު އިފްތިތާހްކޮށްފި

ތައުލީމީ ދާއިރާގެ މުހިއްމު މައުލޫމާތުތައް ހިމެނޭ "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ބޭނުންކުރުމުގެ ސިޔާސަތު ރޭ އިފްތިތާހްކޮށްފި އެވެ.


ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މީމިސްގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއެވެ.

ޕޮލިސީ އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ މީމިސް މެދުވެރިކޮށް މިހާތަނަށް ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވިފައިވާ ކަމަށެވެ. އެ މައުލޫމާތުތަކަށް ބިނާކޮށް ތައުލީމީ ދާއިރާއާ ގުޅޭ ވަރަށް މުހިއްމު ދިރާސާތައް ހަދައި ނިންމުންތައް ނިންމަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީމިސް މެދުވެރިކޮށް އެއްކުރި މައުލޫމާތުތަކުން މުސްތަބުލަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ.

ކޮމިއުނިޓީ ސިސްޓަމްސް ފައުންޑޭޝަންގެ ރައީސް ކްރިސް އޮސްވަލްޓް ރޭގެ ރަސްމިއްޔަތުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުން ކޮމިއުނިޓީ ސިސްޓަމް ފައުންޑޭޝަންގެ ރައިސް ކްރިސް އޮޒްވޮލްޓް ވިދާޅުވީ ވަރަށް ގިނަ ގައުމުތަކުގައި މީމިސް ބޭނުންކުރާ ކަމަށެވެ. ނަމަވެސް ސައުތު އޭޝިޔާ ސަރަހައްދުގައި މީމިސް ސިސްޓަމް ހަރުދަނާއެކު ބޭނުންކުރާ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ،

އޭގެ އިތުރުން ތައުލީމީ ފަދަ ދާއިރާއަކަށް އެ މައުލޫމާތުތައް ލިބުމަކީ ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީމިސް ޕޮލިސީގެ އިތުރުން ރޭ ވަނީ މީމިސް ޑޭޝްބޯޑު ވެސް ލޯންޗުކޮށްފަ އެވެ. އެއީ މީމިސް އިން ހޯދާފައިވާ މައުލޫމާތުތައް ފަސޭހައިން ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ޔުނިސެފުގެ އެހީތެރިކަމާ އެކު މިދިޔަ ޖުލައި މަހު އިފްތިތާހް ކުރި މި ސިސްޓަމް މެދުވެރިކޮށް ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެެވެ.

އިމްތިހާނުތަކާއި ވަކިވަކި މާއްދާތަކުން ހޯދާ ނަތީޖާ ތަކާއި އަހުލާގީ ރިކޯޑުތައް ވެސް ބެލެހެއްޓިގެންދާނެ އެވެ.