ބައެއް ގައުމުތަކުގައި މިހާރު އެކި ކަންކަމުގައި ރޮބޮޓުންގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޮފީސްއޮފީހާއި ފިހާރަތަކުގައި އެވެރިންނަށް ކުރެވޭ ވަރުގެ ކަންކަމަށް ޕްރޮގްރާމްކޮށްގެން ގެންގުޅޭ ރޮބޮޓުން މަދުން ނަމަވެސް ފެނެއެވެ.

ޑިލިޖެންޓް ރޮބޮޓިކްސްއިން އުފައްދާ، މިހަފުތާގައި ޓެސްޓްކުރަން ނެރޭ މޮކްސީ ރޮބޮޓަކީ ނަރުހުންގެ މަސައްކަތުގައި އަތްގާތްކޮށްދީ، އެހީތެރިވުމަށް ފަރުމާކޮށްފައިވާ ރޮބޮޓެކެވެ.

ސާފު ހުދުކުލައިން އުފައްދާފައިވާ މި ރޮބޮޓުގެ މޫނުމަތީގައި ވަނީ ސްކްރީނެކެވެ. މި ސްކްރީނުން ބޮޑު ދެ ލޯ ސިފަވާން ހުރެއެވެ. އެއްޗެހީގައި ހިފޭ ތިއްބާ ދަތިޖޯޑެއް، އަތެއްގެ ގޮތުގައި ހުންނަ މި ރޮބޮޓް ކޮޅަށް ހުރެ ދުވަނީ ފުރޮޅުގެ އެހީގައެވެ. މީގެ މަސައްކަތަކީ ނަރުހުންގެ މަސައްކަތަށް ބޭނުންވާ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައިދިނުމާއި މި ނޫނަސް މިފަދައިން ކުރަންޖެހޭ ކުދިކުދި މަސައްކަތްތައް ކުރުމެވެ. ބޭނުމަކީ މިކަންކަމަށް މޮކްސީގެ އެހީ ލިބުމުން ނަރުހުންނަށް ސީދާ ބަލިމީހުންގެ ކަންކަމަށް ވަގުތު ހުސްކުރުމެވެ.

މޮކްސީ ރޮބޮޓް އުފައްދާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން، އެސޮރު މަސައްކަތް ކުރަންޖެހޭ މާހައުލު ފަސޭހައިން ދެނެގަނެއެވެ. ދުއްވާ މަގުގައި ހުންނަ ހުރަސްތައް ގިރާކުރާނެގޮތް އެނގެއެވެ. ހާސްކަން ބޮޑު މާހައުލަކާ ބަލާފައި މި ރޮބޮޓް ފަރުމާކޮށްފައި ވަނީ ފެނުމުން ވެސް ހިތަށް ފިނިކަން އިހުސާސްވާ ގޮތަށެވެ. މަޑުމަޑު އަޑަކާއި ލެޑް އަލިކަމަކުން މޫނު ހުންނަނީ ދިއްލިފައެވެ.

މިއީ އެކުގައި މަސައްކަތްކުރާނެ ރަނގަޅު އެކުވެރިޔަކަށް ވާނެކަމަށް ޑިލިޖެންޓް ރޮބޮޓިކްސް ކުންފުނިން އުއްމީދުކުރެއެވެ. ހަގީގީ ހޮސްޕިޓަލެއްގެ މާހައުލުގައި މި ރޮބޮޓް މަސައްކަތް ކުރަން ފެށުމުން، ރަގަޅު ކުރަންޖެހޭ ކަންކަން އިތުރަށް ހާމަވާނެކަމަށް އެ ކުންފުނިން ދެކެއެވެ.