އެމެޒޯންގެ އެލެކްސާ ސްމާޓް ހޯމް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ފުރަތަމަ ގެވެހި ރޮބޮޓް "އެސްޓްރޯ" ނެރެން ތައްޔާރު ވެއްޖެ އެވެ.

އެމެޒޯނުން ބުނި ގޮތުގައި މި އެއްޗަކީ ގޭތެރޭގެ ރައްކާތެރިކަމަށް ބޭނުންކުރެވިދާނެ ވަރަށް ވެސް ބޭނުންތެރި، ފުރިހަމަ އުފެއްދުމެކެވެ. އެގޮތުން ސްމާޓްފޯނުގެ އެޕެއްގެ އެހީގައި "އެސްޓްރޯ" ކޮންޓްރޯލް ކުރެވޭނެ އެވެ. އެގޮތުން ވަޒީފާއެއް ދާ މީހަކު ނަމަ އެ މީހަކު ގޭގައި ނޫޅޭ ގަޑިތަކުގައި ގޭގައި އުޅޭ ދުވަސްވީ މީހުންނާއި ޕެޓުންގެ ހާލަތު މި ރޮބޮޓްގެ އެހީގައި ދަނަގެވޭނެ އެވެ. އަދި ގޭތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން ވެސް "އެސްޓްރޯ" އަކީ އެހީއަކަށް ވާނެ އެވެ. އެގޮތުން އުނދުނުން ގޭސް ލީކްވުން ނުވަތަ އަލިފާންގެ ހާދިސާއެއް ހިނގުން ފަދަ ކަންކަމުން ވެސް މީގެ އެހީގައި ރައްކާތެރިކަން ހޯދޭނެ އެވެ.

މި އަހަަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާ "އެސްޓްރޯ" އަކީ ގޭތެރޭގައި އެލާޓްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ހުރި ނަމަ އެކަމާ ނޮޓިިކޭޝަން އޮޓޯމެޓިކުން ފޮނުވައިދޭނެ އެއްޗެކެވެ. އަދި މީގެ މަތީގައި އިންނަ "ޕެރިސްކޯޕް" ކެމެރާ އަކީ ވެސް ނުރައްކާތެރި ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި އެ ކެމެރާ ޕޮޕަޕްވެ، އެކަން އެލާޓް ކޮށްދޭނެ އެއްޗެކެވެ.

ވީޑިއޯ ކޯލް ކުރެވޭ "އެސްޓްރޯ" ފަރުމާ ކޮށްފައި ވަނީ ބަޓަނަކުން އޭގެ ކެމެރާ އާއި ހެޑްފޯން ނިއްވައި ވެސް ލެވޭ ގޮތަށެވެ. އަދި މީގައި އިންނަ ޑިސްޕްލޭގެ އެހީގައި ވީޑިއޯތައް ބެސް ބަލައިލެވޭނެ އެވެ. މިސާލަކަށް ގޭތެރޭގެ މަސައްކަތެއްގައި ބިޒީކޮށް އުޅެމުން އެއްޗެއް ބަލައިލަން ބޭނުން ނަމަ ދާ ކޮންމެ ދިމާއަކަށް ރޮބޮޓް ގެންދަމުން އެ އެއްޗެއް ބަލައިލެވޭނެ އެވެ.

އެމެޒޯނުން "އެސްޓްރޯ" އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ އެމެރިކާގެ މާކެޓަށެވެ. ފުރަތަމަ ލިމިޓެޑްކޮށް ވިއްކާ އިރު އަގަކީ 999.99 ޑޮލަރު (15,449 ޑޮލަރު) އެވެ. އޭގެ ފަހުން ވިއްކާނީ 1،449.99 ޑޮލަރު (22,402ރ.) އަށެވެ.

އެމެޒޯންގެ ޑިވައިސެސް އެންޑް ސާވިސެސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޑޭވް ލިމްޕް ވިދާޅުވި ގޮތުގައި "އެސްޓްރޯ" ފަދަ އުފެއްދުންތަކުން ބޭނުން ވަނީ އާންމު ދިރިއުޅުން ވީހާ ވެސް ބޮޑަށް ލުއިކޮށް، ފަސޭހަކޮށް ދިނުމެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި މިފަދަ އުދެއްދުންތައް އާންމު ދިރިއުޅުމަށް އައުމަކީ "ސައިންސް ފިކްޝަން ރިއަލިޓީއަކަށް" ވުމެވެ.