ހދ. ކުޅުދުއްފުށީގައި ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މިރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާނީ މިއަދު ހަވީރު، މަތިންދާބޯޓުގަ އެވެ. އަދި މިއަދު އިރުއޮއްސުމުގެ ކުރިން ރައީސް އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.
ހަމައެކަނި ރަންވޭ ނިމިފައިވާ އެއާޕޯޓުގައި މިދިޔަ ބުދަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ.
އަދި އެއްވެސް އިމާރާތެއް ހަދާފައި ނެތް އެއާޕޯޓް ސަރަހައްދުގައި ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރައްވައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާގައި މިރަށާއި ކައިރި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އިންތިޒާމް ހަމަޖައްސާ ފަރާތްތަކުން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީން މިރަށުގައި ހަދާފައިވާ، ފެން އުފައްދާ ފެކްޓްރީވެސް ރައީސް މިއަދު ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރަށު އެއާޕޯޓު މަޝްރޫއަކީ ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ ޕްރޮޖެކްޓް ފެށުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
މި އެއާޕޯޓުގައި ހެދި ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާ މިނުގައި 30 މީޓަރު ހުރެ އެވެ. އަދި ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީ ވޭ ހަދާނެ އެވެ. ރަންވޭގައި ތާރު އަޅައި ނިމުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއާޕޯޓް ޓަވަރާއި ޓާމިނަލްގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ.
އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމުނު ކަމުގައި ވިޔަސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި ރަށަށް ޗާޓަރު ފްލައިޓުގެ ދަތުރުތައް މިހާރު ކުރެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.