ދޫނީގެ މައްސަލަ ހައްލުކޮށް ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖެއްސޭނެ: މިނިސްޓަރު

ކުޅި ހިއްކައިގެން ހދ. ކުޅުދުއްފުށީގައި ހަދާފައިވާ އެއާޕޯޓަށް ފްލައިޓް ޖެއްސުމަށް ހުރި ހުރަސްތައް ހައްލު ކުރެވޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކުޅުދުއްފުށީ އެއާޕޯޓު ހަދާފައިވަނީ ކުޅިއެއް އޮންނަ ސަރަހައްދެއްގައި ކަމަށް ވާތީ އެ ހިސާބުގައި ދޫނި ވަރަށް ގިނަ އެވެ. މިއީ ފްލައިޓްތަކަށް ނުރައްކާވެދާނެ ކަމަކަށް ވާތީ ސިވިލް އޭވިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ކަމާ ބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީއާ ގުޅޭ މައުލޫމާތު އެންވަޔަރްމަންޓް މިނިސްޓްރީން ކުޅުދުއްފުށީ ކައުންސިލާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެއާ އެކު އެ ރަށު ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުން ބުނަމުން އަންނަނީ އެއީ އެ އެއާޕޯޓަށް ދަތުރުތައް ނުފަށަން ސަރުކާރުން ދައްކާ ބަހަނާއެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ހުސައިން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް ސަރަހައްދުގައި ދޫނި ގިނަވުމަކީ ދަތުރުތައް ފަށަން ބަލާއިރު ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް އެކަން ހައްލުކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް ދޫނީގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެކަންކަމަކީ ހައްލު ކުރެވޭނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު: ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް-- ފޮޓޯ: މިހާރު

"މިކަން ހައްލު ކުރެވޭނެ. އެއާޕޯޓް ބޭނުންކުރަން ސަރުކާރުގެ ވިސްނުން އޮތީ. ކުޅި އޮވެގެން އެއާޕޯޓް ބޭނުން ނުކުރެވޭ ހާލަތަކަށް ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެކަނި ރަންވޭއެއް ހަދައި ހުޅުވާފައިވާ ކުޅުދުއްފުށީ އެއާޕޯޓުގައި ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ވަރަށް އަވަހަށް އެއާޕޯޓަށް ދަތުރުތައް ފެށޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އާ ސަރުކާރުން ވެސް ކުރިއަށް ގެންދަން މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.