ޔަންގޮން (ސެޕްޓެމްބަރު 24) - މިއަންމާގެ ދާޚިލީ ކަންކަމާ ބެހުމުގެ ހައްގު އދ. އަށް ލިބިގެން ނުވާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ މިން އައުން ހުލައިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވި އިރު އދ.ގެ ތަހުގީގު ޓީމަކުން ވަނީ ސިފައިންގެ ވެރިޔާގެ މައްޗަށް މީހުންގެ މެރުމުގެ ޖިނާއީ ދައުވާ ކުރަން ގޮވާލައިފަ އެވެ.
މިއަންމާގެ މަދަނީ ކަންކަމާ ސިފައިން ބެހުން ހުއްޓާލުމަށް އދ. އިން ގޮވާލާފައިވާތީ ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. މިއަންމާގައި 2011 ވަނަ އަހަރު މަދަނީ ސަރުކާރެއް ގާއިމް ކުރި ނަމަވެސް ވެރިކަމުގައި ސިފައިންގެ ނުފޫޒް އަދިވެސް ވަރަށް ގަދަ އެވެ.
"އެއްވެސް ގައުމަކަށް އަދި އެއްވެސް ޖަމާއަތަކަށް ހައްގު ލިބިގެންވާ ކަމެއް ނޫން އެއްވެސް ގައުމެއްގެ މިނިވަން ކަމާ ބެހި ހެދުމަކީ،" މިއަންމާ ސިފައިން ހިންގާ ނޫހަކުން ސިފައިންގެ ވެރިޔާއާ ހަވާލާދީ ބުނެފައިވެ އެވެ.
އދ.ގެ ފެކްޓް ފައިންޑިން މިޝަނުން ތައްޔާރުކުރި 444 ސަފްހާގެ ރިޕޯޓުގައި ބުނެފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރީމާތަކުގެ ޒިންމާ ސިފައިންގެ އިސް ޖެނެރަލުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ސިފައިންގެ ވެރިޔާގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ރިޕޯޓުގައި ގޮވާލައިފަ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ އެއީ އެއް ފަރާތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށެވެ.
ފޭސްބުކުން މިދިޔަ މަހު ވަނީ މިއަންމާ ސިފައިންގެ އިސް ވެރިން ވަކިކޮށްފަ އެވެ.