މުއިއްޒު، ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ޕީޕީއެމަށް

ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތުގައި ދެމިހުންނަވަން ނިންމަވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެމްޑީއޭ ދޫކުރައްވައި ޕީޕީއެމާ ރޭ ގުޅިވަޑައިގެންފި އެވެ.


ރައީސް ޔާމީންގެ މި ވެރިކަމުގައި ހިންގެވި ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް މުއިއްޒު ޕީޕީއެމާ ގުޅިވަޑައިގަތީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައި ވަނިކޮށެވެ. މި ނާކާމިޔާބީއާ އެކު، ދެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމްގެ ކައުންސިލުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ޕީޕީއެމްގެ މިސްރާބު ކަނޑައެޅުމަށް ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ކޮންގްރެސްގައި ޕާޓީގެ މަގާމްތަކަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް ބެލެވެ އެވެ.

ރައީސް ޔާމީން، 2013ގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އެމްޑީއޭ ވެސް ހިމެނޭ ގޮތަށް އެކުލަވައިލި ކޯލިޝަނަކުންނެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް މުއިއްޒު ވަޑައިގަތީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ.

ރައީސް ޔާމީނާ އެކު މުއިއްޒު: މި ސަރުކާރުގައި ހިންގި ގިނަ މަޝްރޫއުތަކެއްގައި އިސްކޮށް މުއިއްޒު ހަރަކާތްތެރިވެވަޑައިގަތް.

އެ އިންތިޚާބަށް ފަހު ޕީޕީއެމާއި އެމްޑީއޭ އިން އެކުލަވާލި އެއްބަސްވުމުގެ އެންމެ މުހިއްމު އެއް ކަމަކީ، އިންތިޚާބުތައް ކާމިޔާބު ކުރަން އެކުގައި މަސައްކަތް ކުރުމެވެ. އެކަމަކު މި އިންތިޚާބު ކުރިމަތިވިއިރު، އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. މުއިއްޒު ފިޔަވައި އެމްޑީއޭގެ އެހެން އެއްވެސް ބޭފުޅަކު ރައީސް ޔާމީންގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައެއް ނުގަނެ އެވެ.

ރައީސް ޔާމީނާ އެކު ކެމްޕޭން ދަތުރުތަކުގައި ރަށްތަކަށް ވަޑައިގެން، އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ވެސް މުއިއްޒަކީ އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ.

އެއިން އެއްވެސް ދަތުރެއްގައި އެމްޑީއޭގެ ދައުރެއް ނެތެވެ. އެންމެ ކުޑަމިނުން، ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ކުރައްވަމޭ ވެސް އެމްޑީއޭގެ ލީޑަރު އަދި ރައިސް ޔާމީންގެ ގާތް އެކުވެރިޔާ އަހްމަދު ސިޔާމް ވެސް ވިދާޅުވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެނުނީ، އެމްޑީއޭގެ ހިންގުން ވެސް ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ހަވާލުކުރައްވައި ސިޔާމް އެއްފަރާތްވެވަޑައިގެންނެވި ތަނެވެ.