ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިހާރު ވެރިކަމުގައި ހުންނެވި ނަމަ، މާލެ ސަރަހައްދުގައި ކުރިއަށްދާ ގިނަ މަޝްރޫއުތައް މިހާރު އޮތީހީ ނިމިފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަަރަަހައްދުގައި، އެތައް ހާސް ބަޔަކާ އެކު، އިދިކޮޅުން ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ، މިހާތަނަށް ވެރިކަމުގައި ހުންނެވި ނަމަ، ކިންގް ސަލްމާން މިސްކިތް މިިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވުނީސް ކަަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކަށް މީހުން ވެސް ތިބީހީ ވަދެ ކަމަށެވެ. މާލެ އާއި ވިިލިމާލެއާ ދެމެދު އަޅަން ރާވާފައިވާ ބްރިޖްގެ މަސައްކަތް ވެސް ޔާމީނު ހުންނެވި ނަމަ އޮންނާނީ ފަށާފައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ ރިންގް ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް ވެސް މިހާރު އޮތީހީ ނިމިފައި ކަމަށެވެ.

މާލެ ސަރަހައްދުގައި ޔާމީނުގެ ވެރިކަމުގައި ފެށި މަސަައްކަތްތަކާ ބެހޭ މި ވާހަކަތައް މުއިއްޒު ވިދާޅުވީ ނޫސްވެރިން އޭނާއާ ކުރާ ސުވާލަކަށް ދެއްވި ޖަވާބުތަކެއްގެ ގޮތުގަ އެވެ.

"ގުޅިފަޅާއި ތިލަފުށްޓާ [މާލެ] ގުޅުވާލާ ބުރިޖުގެ އަމަލީ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި މިހައިތަނަށް އަންނަ އިރު އޮންނާނީ އެމަނިކުފާނު ހުންނެވި ނަމަ ކުރިއަށް ގޮސްފައޭ. މިއީ އެކަންކަން ގޮސްފައިވާ ހިސާބު. އަދި އެއާ އެކީގަައި ގުޅިފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ނިމިފައޭ އޮންނާނީ އެއީ އެމަނިކުފާނު އެކަން ރާވާފައި އޮތް ގޮތްކަން މިތަނުގައި ތިއްބެވި އޭރުގެ ކެބިނެޓް ވަޒީރުން ވެސް ހެކިވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅުން ހިއްކަން ރޭވި ބިމުން ގޯތި ހޯދަން އޭރު ވެސް އެތައް ހާސް ރައްޔިތުންނެއް ހުށަހަޅާފަައި ހުރި ކަމަށާއި އެ ސަރުކާރު އޮތް ނަމަ ގުޅިފަޅުން އެތައް ހާސް ބަޔަކަށް ގޯތި އޮންނާނީ ދެވިފައި ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުން ވެސް ބޭނުންވާ ސްޕީޑަކީ އެއީ ކަމަށެވެ.

"އެހެން ނަމަވެސް މި ސަރުކާރުގައި މިފެނިގެން ދަނީ އެއާ ދިމާ އިދިކޮޅު. އެހެންވީމާ މާލޭގެ ރައްޔިތުން ބޭނުން ވެލައްްވަނީ މިތަރައްގީ މާލެ އާއި މުޅި ރާއްޖެ އަށް ގެންނަން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ކާނިވާ ސަރަހައްދު ފުރައިލާފައި: ޕީޕީއެމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި މި ޖަލްސާ އަށް އެތައް ހާސް ބަޔަކު ދިޔަ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ކާނިވާ ސަރަހައްދު ފުރައިލާފައި: ޕީޕީއެމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި މި ޖަލްސާ އަށް އެތައް ހާސް ބަޔަކު ދިޔަ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ޕީޕީއެމް-ޕީއެންސީން މިރޭ ބޭއްވި ޖަލްސާ އަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވެ، ގޮނޑިތައް ފުރައިލި އެވެ. އެކަމުގެ އުފާ ފާޅުކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ޖަލްސާ އަށް އެމްޑީޕީގެ މެމްބަރުން ވެސް ދިޔަ ކަަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެެވެ. އެމްޑީޕީގެ އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.