އިންތިޚާބު ލަސްކުރުމަކީ ސިޔާސީ މަޝްވަރާއަކަށް ވެގެން ނުވާނެ: އުޝާމް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ފަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ، ރާއްޖެ އިން ވެސް ކޮވިޑް-19 ޖެހިފައިވާ ހަ މީހަކު ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ މަޝްވަރާ އަށް ސަރުކާރާ އެކު ދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމުން ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޝަރުތެއް ކަނޑައެޅުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ލަސްކުރުމުގެ މަޝްވަރާ އަކީ "ސިޔާސީ މަޝްވަރާއެއް" ކަމަށާއި ޔާމީން މިނިވަން ނުކުރަނީސް ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން ޕީޕީއެމް-ޕީއެންސީން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، މެމްބަރު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބު ލަސްކުރުމުގެ މަޝްވަރާ އަކީ ސިޔާސީ މަޝްވަރާ އަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެކަމަކީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި މީހެއްގެ މަސްލަހަތަށް ވުރެ މާ މުހިންމު ކަމެއް ކަމަށެވެ.

އުޝާމްގެ ޓުވީޓް

"މިއީ ގައުމުގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި ސިއްހަތާ ގުޅުން ހުރި ގައުމީ މައްސަލައެއް،" އުޝާމް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް، އާންމު އެއްވުންތައް ނުބޭއްވުމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މަޖިލިސް ގިނަ މެމްބަރުން ބޭނުންވަނީ ކުރިން ކަނޑައަޅާފައިވާ ތާރީޚުގައި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. އެއީ އަންނަ މަހުގެ ހަތެކެވެ.

އިދިކޮޅު ޕާޓީތަކުން ވެސް ބުނަނީ ރާއްޖޭގެ ހާލަތު އެނގޭނީ ސަރުކާރަށް ކަމަށާއި އެހެންވެ، އިންތިޚާބު ފަސްކުރުމުގައި ގޮތެއް ނިންމާނީ ސަރުކާރުން ކަމަށެވެ. ގާނޫނީ ގޮތުން އެކަން ނިންމަންޖެހޭ އިލެކްޝަންސް ކޮމިޝަން މި މައްސަލައިގައި އޮތީ ހިމޭނުންނެވެ. އެއްވެސް މަޝްވަރާއެއް ވެސް އެ ކޮމިޝަނުން ނުކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، އެއްވުން ނުބާއްވަން ސިއްހީ ދާއިރާގެ އޮފިޝަލުން އެދިވަޑައިގަތަސް ސްކޫލްތައް ބަންދުކުރުމާ މެދު ވެސް ސަރުކާރަށް އަދި ގޮތެއް ކަނޑައެއް ނޭޅެ އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ރާއްޖޭގެ ބައެއް މަޝްހޫރު ޑޮކްޓަރުންގެ ވެސް އެދިވަޑައިގަތުމަކީ ސްކޫލްތައް މި ދުވަސްވަރު ބަންދުކުރުމެވެ.