ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް: އެކަމަނާ މިއަދު ވަނީ ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފައި. --ފޮޓޯ:ހުސެއިން ވަހީދު/މިހާރު
04 އޮކްޓޯބަރ 2018 - 19:46
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް، ސައުދީ އަރަބިއްޔާ އަށް މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެންމެ ހަގު ފިރިހެން ދަރިކަލުންނާ އެކު އެކަމަނާ ފުރާވަޑައިގަތީ ސައުދީ އެއާލައިންގަ އެވެ. ފަސްޓް ލޭޑީ ވަޑައިގަތީ އުމްރާ އަކަށް ކަމަށް ވާހަކަ ދެކެވުނަސް ރަސްމީ އެއްވެސް ފަރާތަކުން މި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމީނާއި އަނބިކަނބަލުންގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރަސްމީކޮށް ހާމަކުރަން ޖެހޭ މައުލޫމާތު އެ އޮފީހުން އިސްވެ ހާމަކުރާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެކަމަނާ "ފިއްލެވީ" ކަމަށް ފަތުރާ ވާހަކަތައް މުއާޒް ދޮގުކުރެއްވި އެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން، ރައީސް ޔާމީން އަދި ފަސްޓް ލޭޑީ ވެސް މި ގައުމު ދޫކުރައްވައި ނުފިއްލަވާނެ ކަން،" މުއާޒް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ މިއަދު ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވި ފޮޓޯއެއް.
ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފާތުން އެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން އެކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އިންތިޚާބަށް ފަހު ޕީޕީއެމްގެ ރައީސަކަށް، ރައީސް ޔާމީން އައްޔަންކުރި ކޮންގްރެސްއަކުން ވެސް އެކަމަނާއެއް ނުފެނެ އެވެ. އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތާ އެކު ހައްގު ހޯދަން ކަމަށް ބުނެ ޕީޕީއެމުން މިހާރު ހިންގާ ހަރަކާތްތަކުގައި ވެސް ފަސްޓް ލޭޑީ ފާތުންގެ ބައިވެރިވުމެއް ނުފެނެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ގިނަ ރަށްތަކަށް ފާތުން ވަޑައިގަތެވެ. އަދި މާލެ އާއި ރަށްރަށުގެ ވެސް ބައެއް ގެތަކަށް އަމިއްލަފުޅަށް ވަޑައިގެން ވެސް ވޯޓު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވި އެވެ.
ފަސްޓް ލޭޑީ ފުރާވަޑައިގަތުމަށް އެއާޕޯޓުގައި. --ފޮޓޯ/ސޯޝަލްމީޑިއާ
ރައީސް ޔާމީނަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ އެކި މަސައްކަތްތަކުގައި ފަސްޓް ލޭޑީގެ ދައުރު ބޮޑެވެ. ޚާއްސަކޮށް، އެކަމަނާ ބެލެހެއްޓެވި އިޖުތިމާއީ ދާއިރާގެ ޚިދުމަތްތައް ސަރުކާރުގެ އެކި އޮފީސްތައް މެދުވެރިކޮށް ފުއްދައިދެއްވަން އެކަމަނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭގެތެރޭގައި އެކި އިދާރާތައް މެދުވެރިކޮށް، މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބެ
06 October 2018
މީވީގޮތޭ އަދު ބަދަލުވެއްޖެޔޭ މުޅި ޒަމާން
ނަންނޭނގޭ
06 October 2018
ކޮންމެ މީހަކަށްވެސް ބޭނުން ޤައުމަކަށް ދިއުމުގެ މިނިވަންކަން އޮންނާނެ އެއީ މީހަކު ބެހެންޖެހޭ ކަމެއް ނޫނެއްނު.
ބެލޭނެ
06 October 2018
މީހަކު ހަމަ ތަނަކަށް ދިއުމަކުން މައްސަލައެއް ނެތް. އެކަމަކު މިވަގުތު މިގައުމުގެ ފަސްޓްލޭޑީއަށް ވެފައި އެކި ނަންނަމުގައި ގައުމުގެ ހިންގުމުގެ ކަންކަމަށް އަތް ބާނައި އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެ، ދައުލަތުގެ ފައިސާ ނުހައްގުން ބޭނުން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ބޭފުޅަކު މިފަދަ ދަނޑިވަޅެއްގައި ގައުމުން ބޭރަށް ވަޑައިގަންނަވަންޔާ ބަލަންޖެހޭނެ.
ސދސދ
06 October 2018
ނަޝީދުވެސް ޖަލަށް ބިރުން ފިލީއެވެ. ޤާސިމްވެސް، ޖަމީލުވެސްއެވެ. ވީއިރު މެޑަމްއަށް ނުދެވެންވީ ކީއްވެހެއްޔެވެ.
ނަންނުގަތި
06 October 2018
ރައްޔިތުންގެ ފައިސާ ޚިޔާނާތްވެގެންނޫން ރައީސް ނަޝީދު، ގާސިމް ޖަމީލު ބޭރުގައި ހުތިއްބެވީ..
އާދޭސް
06 October 2018
ވަރަށް ހިތަށް އަސަރުކުރޭ މިފޮޓޯ ބަދަލުކޮށްލަދީ
ޛަމީލު
06 October 2018
ކޮބާތޯ މައްސަލަޔަކީ ކުށެއްނޫނެއްނޫން ކުށެއްނަމަ ޕާސްޕޯޓް ހިފަހައްޓާނެ ދޯ
އައިމިނާ
05 October 2018
ސައޫދީން ހަދިޔާކުރި ކަދުރުކޮޅުވެސް ލިބެނީ ފަނިއަޅާފަހުން މީހަކު މެދުވެރިކޮށް. ހައްޖުކޯޓާވެސް ލިބެނީ ހައްޖު ދުވަހުގެ ކުރީދުވަހު މީހަކު މެދުވެރިކޮށް.
ަހަންކަޅުބެ
05 October 2018
އަވަހަށް ފިލާ. ރަގަޅީވެސް ފިލިއްޔާ. އޭރުން އަންނަ ރަމްޟާމަހަށް ލިބޭ ކަދުރު ކޮޅު ސަލާމަތް ކުރެވޭނެ
މައިކް
05 October 2018
ފިލިގޮތްޔަ
އައިމިނާ
05 October 2018
ވެރިކަމުގެ ލައްޒަތުގެ ރަހަފެނިއްޖެ ގިނަމީހުންނަށް ވަރަށްއުނދަގޫވޭ ދޫކޮށްލާފަ ރީތިގޮތުގަ ދުރުވާން. ދެވިހިފާކަމެކޭވެސް ކިޔާއަޑުއިވޭ.
ހަނދު
05 October 2018
ދެމިޔަ ކަނުން ހަނދު އޮއްސި ، ޢަޞުރަށް އިރު ތިރިވެ ، މެންދުރުކާޅަކަށް ވެފަ. މިހާރު ހުންނާނީ ނުޙައްޤުން މީހުންގެ ވަޒީފާތަކާ ކުޅެ ހޭވިހަޑި ނަސަންދުރަ ވެފަ. ކޮންމެ މީހަކަށްވެސް އެމީހަކު ކުޅަކަމެއްގެ ޖަޒާ ކޮންމެސް ދުވަހަކުން ﷲ ދެއްވާނެ. އަނިޔާލިބި ޙައްޤުގެއްލިފައިވަނީ ވެސް ﷲ ހެއްދެވި މަޚްލޫޤުންގެ. އެހެންވެ ބާރެއް ލިބޭހިނދު ޢަދްލުވެރި ވުމަށާއި ޙައްޤުތައް ރައްކާތެރި ކުރުމަށް ﷲ އަމުރު ކުރައްވާފައިވަނީ. ހާދަބައެއްގެ ބަދު ދުޢާ އެފަދަމީހުންނަށް ރައްދުވާނޭ.