ގއ. ކޮނޑޭ އިންޖީނުގޭ އޮފީހުގައި ޑިއުޓީއަށް ހުރި މުވައްޒަފަކު ރަހީނުކޮށް، އެތަނުގެ ތިޖޫރި ރޭ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮނޑޭ އިންޖީނުގޭގެ އޮފީހުން ވައްކަން ކުރި ކަމުގެ މައުލޫމާތު ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އެތަނުން ވައްކަން ކުރީ އޮފީހުގެ ޑިއުޓީއަށް ހުރި މީހާ ބަނދެ، އަނިޔާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން މިހާރު ދަނީ ރަށުގައި ހަރަކާތްތެރިވަމުން، އިތުރު މައުލޫމާތުތަކެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ކޮނޑޭ ކައުންސިލްގެ ނައިބު ރައީސް މުރުތަލާ ސަލީމް ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އޮފީހަށް ވަދެ، ޑިއުޓީގައި ހުރި މީހާ ޓޭޕް އަޅައި ބަނުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށެވެ.
"ވަޅި ކަރުގައި ޖައްސާފައި ހުރީ. ވައްކަން ކުރަން އޮފީހަށް ވަނީ ކާކު ކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން،،" ސާމިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮފީހުގެ ތިޖޫރީގައި 14،000 އެއްހާ ރުފިޔާ ހުންނާނެ ކަމަށް ބެލެވެ އެވެ.
ކޮނޑޭގައި ފުލުހުން ނުތިބޭއިރު، މައްސަލަ ތަހުގީގު ކުރުމަށް މިއަދު ހެނދުނު 6:30 އިން ފެށިގެން އޮފީސް ސަރަހައްދު ބަންދުކޮށްގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮނޑޭ އިންޖީނުގެ ބަލަހައްޓަނީ ފެނަކަ އިންނެވެ.