ކެބިނެޓް މިނިސްޓަރުން ހިމެނޭ ވައިބަ ގުރޫޕުން ސަލީމް ބޭރުވެއްޖެ

ކެބިނެޓް މިނިސްޓަރުން ހިމެނޭ ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ނުކުމެއްޖެ އެވެ.


އެ ގުރޫޕުން ނުކުތް ސަބަބެއް ސަލީމް ވިދާޅެއް ނުވި އެވެ. އެކަމަކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ވޯޓު ދެއްވުމަށް އޭނާ އިއްޔެ ރައްޔިތުންގެ މަޖިލިހަށް ވަޑައިނުގެންނެވި މައްސަލާގައި ވަނީ ޕީޕީއެމް ޕީޖީ ވައިބަ ގުރޫޕުން ރޭގައި ބޭރުކޮށްލައިފަ އެވެ.

ޕީޖީ ގުރޫޕުގެ މި ފިޔަވަޅާ އެކު، މަޖިލިހުގައި ސަލީމް ތަމްސީލްކުރައްވާ ހަމައެކަނި ކޮމިޓީ، މާލިއްޔަތު ކޮމިޓީން ވެސް އޭނާ ވަނީ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުން މަގުސަދަކަށް ހަދައިގެން ފާސްކުރި ބިލަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެކޮޅުހައްދަވަމުން ގެންދަވާ ސަލީމް މި ފިޔަވަޅުތައް އަޅުއްވާއިރު، ބިލަށް އިއްޔެ ވޯޓު ނުދެއްވި ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ޕީީޕީއެމްގެ ޕީޖީ ގުރޫޕްތަކުން ބޭރުކޮށްލައިފަ އެވެ.

ބިލާ ދެކޮޅަށް ވޯޓު ދެއްވީ މުސްތަފާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ. ބިލަށް ވޯޓު ދެއްވުމަށް މަޖިލިހަށް ވަޑައިނުގަތީ ސަލީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ، ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު އަންނަ ހަފުތާގައި ފިޔަވަޅު އަޅާނެ ކަމަށެވެ.