އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހަޅައިފި އެވެ.


މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގަނެ، އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފަ އެވެ.

އެ މައްސަލައިގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައަށް ވަނުމުގެ ހުއްދަ ދިނުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ބުންޏެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ބޭރުގެ ޖަމާއަތްތަކަށް ދީފަ އެވެ.