ރިޔާޒް (އޮކްޓޯބަރު 16) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ މައްސަލަ ތަހުގީގު ކުރަން ސައުދީ ރަސްގެފާން ސަލްމާން އަންގަވައިފި އެވެ.
ސައުދީ އޮފިޝަލަކު ރޮއިޓާސް އަށް ބުނެފައި ވަނީ ނޫސްވެރިޔާ ގެއްލުނު މައްސަލައިގެ އެތެރޭގެ ތަހުގީގެއް ހިންގަން ޕަބްލިކް ޕްރޮސެކިއުޓަރަށް ރަސްގެފާން އަންގަވައިފައިވާ ކަމަށެވެ.
ސައުދީ ޓީމެއް މިހާރު ވެސް ދަނީ ތުރުކީގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމުގެ މަސައްކަތް އަލުވި ކުރުމަށް ޕްރޮސެކިއުޓަރު ވަނީ އަންގަވައިފަ އެވެ.
ރަސްގެފާން ސަލްމާނަށް ކުރެއްވި ފޯން ކޯލަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޫސްވެރިޔާ ގެއްލުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ރަސްގެފާން ވިދާޅުވެފައި ކަމަށެވެ.
ސައުދީން ފުރަތަމަ ފަހަރަށް ވަނީ ތުރުކީ ފުލުހުން ކޮންސިއުލޭޓް ބަލާ ފާސްކުރުމުގެ ހުއްދަ އިއްޔެ ދީފަ އެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ގެއްލުނީ މި މަހު 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ތުރުކީން ތުހުމަތު ކުރަނީ ނޫސްވެރިޔާ މަރާލީ ކަމަށެވެ. ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ.