ކެއާ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު މިއަދު ފާހަގަކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވާ ކެއާ ސޮސައިޓީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެތަނުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ބައިވެރިވެވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ މެމްބަރުންނާއި ކެއާ ސޮސައިޓީގައި މަސައްކަތްކުރާ ސްޓާފުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިސަލް ވަނީ އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް ފަޅާފައި. ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ކެއާ ސޮސައިޓީން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްތައް އަންނަނީ ހިންގަމުންނެވެ.
ފައިސަލަކީ މަޖިލީހުގައި ހޭދަކުރެއްވި ކުރު މުއްދަތުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި މެމްބަރެވެ. ފައިސަލް ވަނީ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އެ ކުދިންގެ ހައްގުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވައިފަ އެވެ.