އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ދައްކާފައިވާ، ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ 10 ދަރިވަރަކަށް އިމްތިހާނުގައި ބައިވެރި ނުވެވިދާނެ ކަމުގެ ކަންބޮޑުވުން އުފެދިއްޖެ އެވެ.
އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމާ މެދު ޝައްކު އުފެދިފައި ވަނީ އާޓްސް ސްޓްރީމް ކިޔަވާ 10 ދަރިވަރަކަށެވެ.
ބައެއް ދަރިވަރުން ބުނެފައި ވަނީ ޖެނުއަރީގެ އިމްތިނާހުގައި ބައިވެރި ނުވެވޭނެ ކަމަށް ސްކޫލުން މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ އިމްތިހާނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ފައިސާ ނުދެއްކުމުން ކަމަށް އެނގިފައިވާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެފައިވެ އެވެ.
ނަމަވެސް ޑީޕީއީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބު ވިދާޅުވީ 10 ދަރިވަރުންނަށް ވެސް ޖެނުއަރީ މަހުގެ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ. ޝަކީބް ވިދާޅުވީ އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުން ލަސްވަނީ އިމްތިހާނު ބާއްވާ އެޑެކްސެލް ޔުނިވާސިޓީއަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް އުޅޭތީ އެވެ.
އިމްތިހާނުގެ ފައިސާ އެޑެކްސެލަށް ފޮނުވުމުން އެ ފައިސާގެ ތަފްސީލު ދިނުމަށް ބޭންކުން އެދިފައިވާ ކަމަށް ޝަކީބް ވިދާޅުވި އެވެ.
"އެހެންވެ އެ ފައިސާ ޕްރޮސެސް ކުރުމުގެ ދަތިތަކެއް ދިމާވެގެން މިއުޅެނީ. އެކަމުގެ ތެރޭގައި އުޅެނިކޮށް މި 10 ކުދިންގެ މައްސަލަ ވެސް ކުރިމަތިވީ،" ޝަކީބު ވިދާޅުވި އެވެ.
އާންމުކޮށް ރާއްޖޭގެ ދަރިވަރުން އިމްތިހާނުގައި ބައިވެރިވަނީ އޮކްޓޯބަރު-ނޮވެމްބަރު މަހު ނަމަވެސް މި 10 ދަރިވަރުން ޖެނުއަރީ މަހު އިމްތިހާން ހަދަނީ އެ ކުދިން ކިޔަވާ މާއްދާތަކުގެ އިމްތިހާނު އޮންނަނީ ޖެނުއަރީގައި އޮންނާތީ ކަމަށް ޝަކީބް ވިދާޅުވި އެވެ.
"އެކަމަކު އިމްތިހާނުގައި ބައިވެރިވެވޭނެ. ބައިވެރިނުވެވޭނެ ކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު،" އޭނާ ވިދާޅުވި އެވެ.