ހާލުގައި ޖެހުނު މީހުންނަށް ޔުނިވާސަލްއިން ތިން ލައްކަ ރުފިޔާ ދީފި

މާލެ އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ތިން ލައްކަ ރުފިޔާގެ އެެހީއެއް ދީފި އެވެ.


މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސަލް އިން ދިން އެހީއާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެކި ފަރާތްތަކުން ދޭ ފައިސާ މީޑިއާ އަށް ހާމަކުރަނީ ލިބުނީ ކިހާ ފައިސާއެއް ކަމާއި އެހީތެރިވީ ކޮންކޮން ބައެއް ކަން ރައްޔިތުންނަށް އެންގުމަށް ޓަކައި ކަމަށެވެ. އަދި އެގޮތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތް ވެސް އެންޑީއެމްސީން ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެންޑީއެމްސީ އަށް އެހީތެރިވީީތީ ޔުނިވާސަލް އަށް ޝުކުރު އަދާކުރައްވައި މާރިޔާ ވިދާޅުވީ އިއްޔެ ހާލުގައި ޖެހުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައި ޔުނިވާސަލްގެ ޗެއާމަން ނޯޓެއް ވެސް ފޮނުއްވި ކަމަށެވެ.

މާރިޔާ ވިދާޅުވީ ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ވެސް ކުރަން ޖެހެނީ ބޮޑު ހަރަދެއް ކަމަށާއި އިތުރު ފަރާތްތަކުން ވެސް އެހީތެރިކަން ދޭން ހުށަހަޅަމުން އަންނަ ކަމަށެވެ.

އެންޑީއެމްސީން ބުނީ ރޭ 90 ގެއެއްގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެނަލައިޒް ކުރަމުން އަންނަ ކަމަށެވެ. ގޭބިސީތަކަށް ފައިސާގެ ގޮތުން ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަން އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށް ވެސް ބުންޏެވެ.

އިއްޔެ ކުރި ވިއްސާރައިގައި މާލެއަށް 200 މިލިމީޓަރަށް ވުރެ ގިނަ މިންވަރަކަށް ވާރޭ ވެހުނެވެ. އެގޮތުން ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވެ، ގިނަ ގެތަކަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތައް ލިބުނެވެ. ފެން ހިއްކުމުގެ މަސައްކަތުގައި ދިފާއީ ބާރުތަކާއި ދަރުމައަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވި އެވެ. އެ މަސައްކަތް ނިންމާލާފައި ވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ.