ދެ ކޮމިޝަނަށް ބާރު ދީފި ނަމަ، ސުޕްރީމް ކޯޓަށް ދާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަންގެ މައްސަލަތަކާއި ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް އުފެއްދެވި ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ކޮމިޝަނަށް ޚާއްސަ ގާނޫނީ ބާރުތަކެއް ދިނުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލަށް ޕީޕީއެމްގެ މެމްބަރުން ދަނީ މަޖިލީހުގައި ދެކޮޅު ހައްދަވަމުންނެވެ.

މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ބައެއް ފަރާތްތަކަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ޔާމީން ވިދާޅުވީ މީހުން ހައްޔަރު ކުރުމާއި ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ބާރުތައް އެ ދެ ކޮމިޝަނަށް ދިނުމަށް ހުށަހަޅާފައިވާއިރު، އެއީ ގާނޫނު އަސާސީން ވަކި މުއައްސަސާތަކަކަށް އެކަނި ދީފައި އޮތް ބާރުތަކެއް ކަމަށެވެ. އެފަދަ ބާރުތަކެއް ރައީސް އުފައްދަވާ ކޮމިޝަނަށް ނުދެވޭނެ ކަމަށާއި އެހެންވެ، އެ ބާރުތައް ދީގެން ބިލް ފާސްކޮށްފި ނަމަ އެ ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ ޚިލާފް ކަންތައްތަކެއް ހިމަނައިގެން މަޖިލީހުން ބިލެއް ފާސް ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ މަޖިލީހަށް މެންޑޭޓް ވެސް އޮތް ކަމެއް ނޫން. މަޖިލީހަށް ވެސް އެކަމެއް ނުކުރެވޭނެ ގާނޫނު އަސާސީ އިސްލާހު ނުކޮށެއް. އެހެން ނަމަވެސް އެކަން އެގޮތަށް އޮއްވާ ވެސް މަޖިލީހުން އެކަން ކުރައްވައިފި ކަމަށް ވަންޏާ ދެން އަޅުގަނޑުމެންނަށް ހިނގަން އޮންނާނެ މަގަކީ ދުސްތޫރީ ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ހޯދައިގެން މެނުވީ ނުކުރެވޭ ކަންކަން ވެސް އެ ދެ ކޮމިޝަނަށް ކުރެވޭނެ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ. އެގޮތުން މީހުން ހައްޔަރު ކުރުމާއި ތަންތަން ފާސް ކުރުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު އެ ދެ ކޮމިޝަނަށް ލިބޭ ގޮތަށް ބިލްގައި އެބައޮތް ކަމަށާއި އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް ކަންކަން ކަމަށެވެ. އެކަމަކު އެގޮތަށް ގާނޫނު ފާސްކޮށްގެން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިހްތިރާމް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޯޓުން އަޕްހޯލްޑް ކޮށްފިއްޔާ އަޅުގަނޑުމެން އެއްބާރުލުން ދޭނަން. އެއީ އަޅުގަނޑުމެން ދެންނެވިން ދެއްތޯ އަޅުގަނޑުމެން އޮޕޮޒިޝަނެއްގެ ގޮތުގައި އައިސްފައި ވެސް މަސައްކަތް ކުރާނީ ގާނޫނީ ހަމަތަކުގެ މަތިން ހިނގަމުން އަންނަ ސަރުކާރެއް ހިނގާތޯ ބަލާށޭ." ޔާމީން ވިދާޅުވި އެވެ.

އެ ދެ ކޮމިޝަނުން ބަލަން ހަމަޖައްސާފައިވަނީ 2012 ގެ ފަހުން ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ކަމަށް ވާތީ އެކަމާ މެދު ޔާމީން ސުވާލު އުފެއްދެވި އެވެ. ވަކި ތާރީޚެއްގެ ފަހުން ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި، އޭގެކުރީގެ މައްސަލަތައް ވެސް ހިމެނޭ ގޮތުން އެ މައްސަލަތައް ނުބަލަނީ ކީއްވެގެންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"ދިވެހި ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ ވަންނަންޖެހެނީ ވަކި ތާރީޚަކުން ފެށިގެންތޯ؟. އޭގެ މާކުރީގެ ހުރި މައްސަލަތައް ބަލަންވީ ނޫންތޯ؟. ފަޅުތަކާއި ރަށްތަކާއި އެއްޗެހި ދެވިފައި ހުރި ގޮތް ބަލަންވީ ނޫންތޯ؟." އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރިޔަސް، އެއިން އެއްްވެސް ކަމެއް ސާބިތެއް ނުކުރެވޭނެ އެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ، އެކަމަކާ މެދު ޒިންމާވާން ޖެހޭނީ އެ މުއައްސަސާއެއްގައި ތިބި ބަޔަކު ކަމަށާއި އެއީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވެސް ވަރަށް ގިނަ ތުހުމަތުތަކުގެ ތެރޭގައި އުޅުނު މީހެއް ދެއްތޯ؟. ކޮން ކަމެއްތޯ ސާބިތު ކުރެވުނީ؟. އަޅުގަނޑު މިއަދު ވެސް ޗެލެންޖް ކޮށްލާފައި މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ އެއް ކަމެއް ވެސް ސާބިތެއް ނުކުރެވޭނެ." ޔާމީން ވިދާޅުވި އެވެ.

އެ ބިލް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ އެ ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއިރު، އެ ބިލުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. އެ ބިލް އޮތްގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބާރުތައް ހަނިވާ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.