ކުރީގެ އަރަބިއްޔާ ސްކޫލު ހުރި އިމާރާތުގައި ޓާޓާ އިން ހަދާފައިވާ ފްލެޓް އިމާރާތުގެ ބައެއް އެޕާޓްމަންޓުތަކުގެ ދޮރުފަތުގެ ބިއްލޫރިތައް ތަޅައިގެން ދިއުމާ ގުޅިގެން، އެތާނގައި ފުލުހުންނާއި އެޗްޑީސީގެ އޮފިޝަލުން ހަރަކާތްތެރިވަމުން އެބަ ދެ އެވެ.
އެ އިމާރާތުގެ ފަސްވަނަ ބުރީގެ އެޕާޓްމަންޓަކާއި ހަ ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ސްލައިޑް ކުރެވޭ ބޮޑު ދޮރެއްގެ ބިއްލޫރިގަނޑު މިއަދު ހެނދުނު ވަނީ ތަޅައިގެން ގޮސްފަ އެވެ. އެ އެޕާޓްމަންޓުތަކުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ބިއްލޫރި ޝީޓެއްގެ ބޮޑުމިން ހުރި ދެ ދޮރުފަތުގެ ބިއްލޫރިގަނޑު ވެސް ހަމަ ހުރެފައި، "އަޑެއް ކިޔާފައި" ތަޅައިގެން ދިޔައީ ކަމަށެވެ.
"އެހެންވެ މަގުމައްޗަށް ވެސް ފައިބައިފާނެތީ އަޅުގަނޑުމެން މިކަން ފުލުހުންނަށް ރިޕޯޓް ކުރީ،" އެކަކު ބުންޏެވެ. "މިއީ ސަމާލުވާން ޖެހޭ ކަމެއް."
ބައެއް އެޕާޓްމަންޓްތަކުން ބުނި ގޮތުގައި، އެހެން އެވަނީ ދަށް ކޮލިޓީއެއްގެ ބިއްލޫރި އަށް ވާތީ، މާ ބޮޑަށް ހޫނުވެގެންނެވެ.
"ކުރިން ވެސް ހަމަ މިގޮތަށް އެހެން އެޕާޓްމަންޓެއްގެ ބިއްލޫރިގަނޑެއް ވެސް ތަޅައިގެން ހިނގައްޖެ. ބޮޑު ބިއްލޫރިގަނޑެއް ވީމަ، މިހެން މިކަން ތަކުރާރު ވާނަމަ މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ވެސް ހިނގައިފާނެ ކަމެއް،" ޓާޓާ ފްލެޓްގައި ދިރިއުޅޭ މީހަކު ބުންޏެވެ. "މިހެން ތަޅައިގެންދާ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓުމުގެ ބިރު އެބައޮތް. މިއީ އެޗްޑީސީން ފިޔަވަޅު އަޅަން ޖެހޭ ކަމެއް."
އެކަމަކު މިއަދު ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ނަމަވެސް، ބިއްލޫރިތައް ކުދިކުދިވެގެން ފައިބައިފައި ވަނީ އިމާރާތުގެ ތެެރެއަށެވެ. އެހެން ނަމަވެސް، ފްލެޓް ހުރި ގޯޅިގަނޑު ފުލުހުން ވަނީ ބަންދުކޮށްލައިފަ އެވެ.
މި މައްސަލަ ބެލުމަށް ފުލުހުންނާއި އެޗްޑީސީގެ އޮފިޝަލުން މިހާރު ވެސް އެ އެޕާޓްމަންޓްތަކުގައި ހަރަކާތްތެރިވަމުން އެބަ ދެ އެވެ.