ފުލުހުންގެ ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ހަމަޖައްސައިފި އެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް ފުރަތަމަ އަންހެން ތަރުޖަމާނު ހަމަޖައްސާފައިވާ ކަމަށެވެ. ބޭނުމަކީ ކުރިއަށް ވުރެ ބޮޑަށް މީޑިއާ އާއި އާއްމުންނާ ވީހާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްމިއާ އަކީ ފުލުހުންގެ ތާރީޚުގައި ތިންވަނަ އަށް ކޮމިޝަންޑް އޮފިސަރަކަށްވި އަންހެން ފުލުހެވެ. ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލުން އިޒްމިއާ ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
ފުލުހުންގެ ތަރުޖަމާނަކަށް މީގެ ކުރިން ހުންނެވީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ. މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވިި ރިޔާސީ އިންތިޚާބަށް ފަހު، ޝިފާން ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.