ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކޮށް ދިނުމާ ބެހޭ ގަވާއިދު އުވާލައިފި

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކުރުމުގައި އަމަލު ކުރަމުން އައި ގަވާއިދު އުވާލައިފި އެވެ.


މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ 29 ވަނަ މާއްްދާގެ ދަށުން ވަކި ހާލަތެއްގައި ކުށްވެރިންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެކަމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލީ 2016 ވަނަ އަހަރު ރައީސް އޮފީހުންނެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު އެ ގަވާއިދުން ހާސިލް ނުވާތީ އެ ދުވަހުން ފެށިގެން އެ ގަވާއިދު އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކަމަށެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދިނުމުގެ އިތުރުން ކުށްވެރިޔާ އެދިގެން ވެސް ރައީސަށް އަދަބު ލުއިކޮށް ދެވޭނެ އެވެ. ކުށްވެރިޔާ އެދިގެން އަދަބު ލުއިކޮށް ދެވޭނީ ހުކުމުގެ މުއްދަތުގެ ވަކި ބައެއް ތަންފީޒުކޮށް ނިމުމުން ކްލެމެންސީ ބޯޑަށް ހުށަހަޅައިގެންނެވެ. ކުށްވެރިޔާ އެދިގެން އަދަބު ލުއިކޮށް ދިނުމުގައި އަމަލު ކުރަނީ ކްލެމެންސީ ބޯޑުން ހަދާފައިވާ ގަވާއިދަކަށެވެ.