ކޮންމެވެސް ދުވަހަކުން މާސް އަށް ދެވޭނެ ކަމުގެ އުންމީދުގައި، އެމެރިކާގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން ބަންނަމުން އަންނަ ޖައްވީ އުޅަނދު "ސްޓާޝިޕް" ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އޭތި އަންނަ އަހަރުގެ ކުރީކޮޅު ޓެސްޓް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފި އެވެ.
ސްޕޭސް އެކްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އީލޮން ވިދާޅުވި ގޮތުގައި 100 އެއްހާ މީހުންނާ އެކު މާސް އަށް ދަތުރު ކުރެވޭނެ ޖާގައާ އެކު ބަންނަމުން އަންނަ އުޅަނދު ޓެސްޓް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ސްޓެއިންލެސް ސްޓީލް ތަފާތު ގޮތަކަށް ބޭނުންކޮށްގެން، އަދި ރޮކެޓް އިންޖީނު ވެސް އެންމެ މި ޒަމާނުގެ ޓެކްލޮނޮޖީ ހިމަނައިގެން ފަރުމާކުރާ އުޅަނދުގެ މަސައްކަތް ކުރިއަށް ދަނީ އެމެރިކާގެ ޓެކްސަސްގަ އެވެ.
"މި ސްޕޭސްކްރާފްޓް ބަންނަން ސްޓެއިންލެސް ސްޓީލް ބޭނުން ކުރި ނަމަވެސް އަހަރެމެން ބޭނުން ކުރާ މެޓީރިއަލްގައި ބޮޑު ތަފާތެއް ހުންނާނެ. އެގޮތުން ފަންސާހުގެ އަހަރުތަކުގައި ތައްޔާރު ކުރި އެޓްލަސް ރޮކެޓާއި އަހަރެމެންފެ އުޅަނދުގެ އާކިޓެކްޗާ ވެސް ތަފާތު ވާނެ،" އީލޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ގޮތުގައި މާސް އަށް މީހުން އުފުލުމުގެ އުންމީދުގައި ބަންނަ އުޅަނދާ ބެހޭ ޓެކްނިކަލް އިތުރު ތަފުސީލުތައް އަންނަ އަހަރުގެ ކުރީކޮޅު ހިއްސާ ކުރައްވާނެ އެވެ.
އީލޮން ވިދާޅުވެފައިވާ ގޮތުގައި ސްޕޭސް އެކްސްގެ ޓާގެޓަކީ "ސްޓާޝިޕަށް" މީހުން ބަރުކޮށްގެން 2024 ގައި މާސް އަށް ފުރަތަމަ ދަތުރަށް ނައްޓައިލުމެވެ.