ހައުސިންގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާކުރަނީ

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލާ ގުޅިގެން ވަޒީފާ ގެއްލުމުގެ ބިރު ހީވެފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.


ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގައި އެއް ހަމައަކުން އަމަލުކުރަން އެކުލަވާލި އޮނިގަނޑު ތަންފީޒުކުރާއިރު، ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ވިދާޅުވީ މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ މިނިސްޓްރީ އާއި ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުން އަންނަނީ މަޝްވަރާކުރަމުން ކަމަށެވެ. ގޮތެއް ނިމޭއިރު، މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް އެ މިނިސްޓްރީން އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ އާ އުސޫލުގައި ޖީއެސް3 އަދި ޖީއެސް4 ރޭންކުގެ މުވައްޒަފުން ނުހިމެނެ އެވެ. އެ ރޭންކުގައި، ހައުސިން މިނިސްޓްރީގައި ގާތްގަނޑަކަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައި ތިބި މުވައްޒަފުން ވެސް އެބަތިއްބެވެ.

އާ އޮނިގަނޑު އެކުލަވާލާފައި އޮތީ އެމްއެސް1 ރޭންކުގެ މުވައްޒަފުން ހިމަނައިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ، މި ސަރުކާރުން ވަނީ ދެ މިނިސްޓްރީއަކަށް ބަހާލައިފަ އެވެ. ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އުފައްދާފައި އޮތް ނަމަވެސް ދެ މިނިސްޓްރީ އަދި ހިންގަނީ އެއް އިމާރާތެއްގަ އެވެ. ހައުސިންގެ މުވައްޒަފުން ވެސް އެ ދެ މިނިސްޓްރީ އަށް އަދި ބަހައެއް ނުލަ އެވެ.