އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ: ތޮއްޔިބު

ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ކަމަށްވާ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ބާލިންގައި ދިވެހި ރާއްޖޭގެ ސަގާފަތް އިޝްތިހާރު ކުރަން ބޮޑުމަސް ދައްކާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ ބޭއްވި ގެސްޓްހައުސް ސިމްޕޯސިއަމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ގެސްޓްހައުސް ޕްރޮމޯޓް ކުރުމުގައި އެމްއެމްޕީއާރުސީން ހަތަރު ޕްރޮޑަކްޓެއް ގެންގުޅޭ ކަމަށެވެ. އެއީ ގެސްޓް ހައުސް އާއި ރިސޯޓުތަކާއި ހޮޓާތަކާއި ލިވަބޯޑް ކަމަށެވެ. އަންނަ އަހަރުގައި މި ހަތަރު ޕްރޮޑަކްޓް އިޝްތިހާރު ކުރުމުގައި ތަފާތު ހަރަކާތްތައް ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖެ ކަވަރުކުރުމަށް 11 ސަރަހައްދެއްގައި މާކެޓިން ސެމިނާތައް ފެށޭނެ. މީގެ އިތުރުން ރާއްޖެ އިޝްތިރާހު ކުރުމަށްޓަކައި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އަދި ތަފާތު ވައްތަރުގެ ޓްރެވެލް ރައިޓާސް ގެނެސްގެން ރާއްޖެ މާކެޓް ކުރުމަށް ވަނީ ހަމަޖެހިފައި،" ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި ޓްރެވެލް ރައިޓާސް ކޮންފަރެންސް އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި 30 ރައިޓަރުންނާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ރާއްޖޭގެ ސަގާފީ ކަންކަން މިހާރަށްވުރެ ބޮޑަށް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އައިޓީބީ ފެއާގައި ކަލްޗަރަލް ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް ޕްރޮމޯޓް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމުގައި ރާއްޖޭގެ ޖަޒީރާ ވަންތަކަން ޕްރޮމޯޓް ކުރާނެ އެވެ.

ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމުގެ އިތުރަށް ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް އިތުރު ކުރުމަށްޓަކައި ރަށްރަށުގެ އެހެން ހިދުމަތްތައް ވެސް ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ރަށްރަށުގައި ފުރިހަމައަށް ގާއިމް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ބަޖެޓުގައި 157 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.