ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖޫރިމަނާ އަނެއްކާވެސް ފަސްކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ނަމަ ކުރަންޖެހޭ ޖޫރިމަނާތައް ކުރަން ފެށުން އަނެއްކާވެސް އިތުރު ހަ މަހަށް ފަސްކޮށްފި އެވެ.


ވަޒީފާއާބެހޭ ގާނޫނަށް 2016 ގައި ގެނައި އިސްލާހުގައިވާ ގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންނަށް ދޭންޖެހޭނީ އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އެކަން އެގޮތަށް ނުކުރާ ނަމަ، ވަޒީފާދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އެވެ.

އެކައުންޓަށް ފައިސާ ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށަން ކުރިން ހަމަޖައްސާފައި އޮތީ އިއްޔެއިން ފެށިގެންނެވެ. އެކަމަކު އެކަމާ ބެހޭ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އިސްލާހު ގެނެސް، ޖޫރިމަނާ ކުރަން ފެށުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަސްކޮށްފަ އެވެ. މީގެކުރިން ވެސް ހަތަރު ފަހަރެެއްގެ މަތިން އޮތީ ޖޫރިމަނާ ކުރުން ފަސްކޮށްފަ އެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެކައުންޓަށް ޖަމާ ނުކޮށް، މުސާރަ އާއި އިނާޔަތްތައް ދޭ ނަމަ، ވަޒީފާދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތަށް ގާނޫނު އިސްލާހު ކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ދައުލަތަށް ރެމިޓެންސް ޓެކްސް ނަގަން ފެށުމުން އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.