ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅުއްވައިފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ހަރަކާތްތަކުގައި އުޅުއްވި މުހައްމަދު ދީދީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުގައި އޭނާ ހުއްދަ އަށް އެދިވަޑައިގަތީ ނެޝަނަލް ރިފޯމްގެ ނަމުގައި ޕާޓީއެއް އުފެއްދަވާށެވެ. ލިޔެކިޔުންތައް ސައްހަ ނަމަ ޕާޓީ އުފެއްދުމުގެ ހުއްދައާ އެކު 3،000 މެމްބަރުން ހަމަކުރަން އިލެކްޝަންސުން ފުރުސަތު ދޭނެ އެވެ.

އަދާލަތު ޕާޓީގައި ވެސް ކުރިން އުޅުއްވި މުހައްމަދު ދީދީ ޕާޓީއެއް އުފައްދަވާއިރު، އޭނާއާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގާތް ގުޅުމެއް އޮވެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ޝަހީމް ކުރެއްވި ކެމްޕޭންގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މުހައްމަދު ދީދީ އެވެ. ޝަހީމާ އެކު ގިނަ ރަށްތަކަކަށް ދަތުރު ކުރައްވައި، ޔާމީނާއި ޝަހީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އެވެ.

މި ޕާޓީގެ އިތުރުން ކަރިސްމާ ޕާޓީގެ ނަމުގައި ވެސް ޕާޓީއެއް އުފައްދަން ވަނީ ހުށަހަޅައިފަ އެވެ. އެ ޕާޓީ އުފައްދަން ހުށަހެޅީ މ. ކެލަމް، މުހައްމަދު އިސްމާއިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަލަށް ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދުނުއިރު، އިތުރު ހަތަރު ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ދީފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ވެސް ޕާޓީ ވެސް ހިމެނެ އެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ. އެ ޕާޓީގައި އިސްކޮށް ހުންނެވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.