ބެންކޮކް (ޖެނުއަރީ 11) - އާއިލާ އަށް ފިލައިގެން ތައިލެންޑަށް ދަތުރު ކުރި ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫންގެ ޓްވިޓާ އެކައުންޓް މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އުމުރުން 18 އަހަރުގެ ރަހަފްގެ ގާތް މީހުން ޓްވީޓް ކުރި ގޮތުގައި ރަހަފްގެ ޓްވިޓާ ސަސްޕެންޑް ކުރަން ޖެހުނީ އޭނާ އަށް މަރުގެ އިންޒާރު ދޭތީ އެވެ.
ތައިލެންޑުގައި ހުއްޓާ އާއިލާ ގާތަށް ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު އޮތް ރަހަފް ސަލާމަތްވެފައި ވަނީ ބެންކޮކް އެއާޕޯޓް ހޮޓަލެއްގެ ކޮޓަރީގައި ހުރެގެން އޭނާ ކުރަމުން ދިޔަ ޓްވީޓްތަކުގެ ސަބަބުންނެވެ. މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 24 މީހުން ފޮލޯ ކުރަމުން ދިޔަ އެކައުންޓަށް ފަސް ދުވަސް ތެރޭ 126،000 ފޮލޯވާސް ލިބި އޭނާގެ މައްސަލަ އަށް ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ.
ރަހަފް މިއަދު މެންދުރު ފަހު ކުރި އެންމެ ފަހު ޓްވީޓްގައި ބުނެފައި ވަނީ "އުފާވެރި އަދި ހިތާމަވެރި ޚަބަރެއް ވެސް އެބައޮތް" ކަމަށެވެ. އޭގެ ފަހުން އޭނާގެ އެކައުންޓް ވަނީ ޑިއެކްޓިވޭޓް ކޮށްފަ އެވެ.
ޓްވިޓާގައި ރަހަފްގެ ދިފާއުގައި ޓްވީޓް ކުރަމުން ދިޔަ އެކްޓިވިސްޓަކު ބުނެފައި ވަނީ ރަފަހްގެ އެކައުންޓް ސަސްޕެންޑް ކުރަން ޖެހުނީ މަރުގެ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. ރަހަފް މިހާރު ހުރީ އދ.ގެ ރެފިއުޖީ އެޖެންސީގެ ބެލުމުގެ ދަށުގައި، ބެންކޮކުގަ އެވެ.
ރަހަފްގެ ބައްޕަ މިހާރު ހުރީ ބެންކޮކުގަ އެވެ. އެކަމަކު އޭނާ ދަނީ ބައްޕައާ ބައްދަލު ކުރަން ދެކޮޅު ހަދަމުންނެވެ.